ޚަބަރު ފީތާ

ޔޫރޯ 2020 ގަދަ 16: ވޭލްސް ލަނދު ގަންނަވާލާ ޑެންމާކް ކުއާޓާއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ވޭލްސް ބަލިކޮށް ޑެންމާކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުން ޑެންމާކް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ރަނގަޅަސް ކުޅުނީ ވޭލްސްއިންނެވެ. އެގޮތުން ވޭލްސްއިން ވަނީ ޑެންމާކުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ވޭލްސްއަށް ރަނގަޅު ކުޅުމެއް ދެއްކުނީ އެންމެ 10 ވަރަކަށް މިނެޓު ވަންދެންނެވެ. އޭގެ ފަހުން ޑެންމާކުން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ވޭލްސްގެ ފަހަތަށް ބާރުބޮޑުކޮށް މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

އެއްލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޑެންމާކުން ނިންމާލިއިރު، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާ ގިނައިރުތަކެއް ނުވެ ޑެންމާކުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުލާކޮށްފައެވެ. މި ލަނޑުވެސް ކޭސްޕާ ޑޯލްބާގް ޖަހައިދިންއިރު، ޑެންމާކުގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި  ކާމިޔާބުކޮށްދިނީ މަތިއަސް ޖެންސެންއެވެ. އަދި ޑެންމާކުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓީން ބްރެތުވެއިޓެވެ.

މި މޮޅާއެކު ޑެންމާކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

Like
Like Love Haha Wow Sad Angry