ޚަބަރު ފީތާ

އދގެ އާއްމު މަޖިލީހުގައި ރާއްޖެއަށް ލިބުނު ކާމިޔާބީ އޮސްޓްރޭލިއާގައި ފާހަގަކޮށްފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވުމާ ގުޅިގެން، އޮސްޓްރެލިއާގައި ދިރިއުޅެމުންދާ ދިވެހިން ޚާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ވެސްޓަރން އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަށް މި އިންތިޚާބު ކާމިޔާބު ކުރެވުމަކީ ބައިނަލްއަޤްވާމީ ދުނިޔެއިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގެންފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާ ހަރުދަނާކޮށް ގެންގުޅުއްވާކަމަށްޓަކައި މިއަދުވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހަމައެއާއެކު މި ކާމިޔާބަކީ ހުރިހާ ދިވެހިންނަށް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަދާކުރެވިދާނެ ރޯލު ފެނިގެން ހިނގައްޖެ ކަމަށާއި ދިވެހިރާއްޖެއަށް މިވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ލީޑަރޝިޕް ދައްކަން ފުރުސަތު ލިބިފައިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. އަދި މިކަމުގައި ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުން ދެމިތިބެނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވި އެވެ.

ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވި އެވެ. އަދި މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށްވުމާއެކު، ދިމާވާ ދަތިތަކާއެކުވެސް ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

އޮސްޓްރޭލިއާގައި ބޭއްވި މި ރަސްމިއްޔާތުގައި އެގައުމުގައި ދިރިއުޅޭ އަދި ކިޔަވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.