ލަންކާ ކައިރާގައި އަނެއްކާ ވެސް ބޯޓެއްގައި އަލިފާން ރޯވެއްޖެ
ސްރީލަންކާ ކައިރާގައި އަނެއްކާ ވެސް ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އެމްއެސްސީ މެސިނާ ކިޔާ ކޮންޓެއިނަރ އުފުލާ ބޯޓެއްގަ އެވެ.
އެ ބޯޓުގައި އަލިފާން ރޯވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަލިފާން ރޯވީ އިންޖީނު ރޫމްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މެރިޓައިމް ބުލެޓިންގ ގައި ބުނެފައިވަނީ މި ހާދިސާ ހިނގީ ސްރީލަންކާއާއި މަލަކާ ކަނޑު އޮޅިއާ ދޭތެރޭ މެދުގައި ކަމަށެވެ. އަދި މިއީ ސިންގަޕޫރުން ފުރައިގެން ސްރީލަންކާއަށް އަންނަ ބޯޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިން ވެސް މިކަން ވަނީ މިއަދު ޔަގީން ކޮށްދީފަ އެވެ.
ސްރީލަންކާ ކައިރީގައި މިދިޔަ މެއި މަހު ވެސް ވަނީ ބޯޓެއްގައި އަލިފާން ރޯވެފަ އެވެ. އެކްސްޕްރެސް ޕާރލް ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާން ރޯވެފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.
އެކްސްޕްރެސް ޕާރލް މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި އެ ހާދިސާގެ ސަބަބުން އެކްސްޕްރެސް ޕާރލް އޮޕަރޭޓު ކުރާ ކުންފުނި އެކްސްޕްރެސް ފީޑަރސްއިން 17 މިލިއަން ޑޮލަރު ލަންކާ ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.