ޚަބަރު ފީތާ

އިންޑިއަން އައިޑޮލްގެ ބައިވެރިއެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ އަމިތާބްގެ ކާފަދަރި ނަވްޔާ!

މިހާރު ކުރިޔަށްދާ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަންގެ ބައިވެރިއެއް ކަމަށްވާ ސަވާއީ ބަޓް މުބާރާތުގައި ކުރިޔަށް ދިއުމަށް ބޭނުންވަނީ އެންމެ މީހެއްގެ ހިތްވަރެވެ.

އެއީ ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަންގެ ފުރަތަމަ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާއެވެ. ޝޯގެ އެޕިސޯޑެއްގައި ލަވަ ކިޔުމަށް ފަހު ސަވާއީ ބުނެފައިވަނީ ބޭނުންވަނީ އޭނާގެ ލަވައަކަށް ނަވްޔާ ތައުރީފުކޮށް ހިތްވަރުދޭތަން ދެކެން ކަމަށެވެ.

އޭނާގެ އެ ހުވަން ނަވްޔާ ވަނީ ހަގީގަތަކަށް ހަދައިދީފަ އެވެ. ސޮނީ ޓީވީން ކުރިޔަށް ގެންދާ އެ ޕްރޮގްރާމްގައި ސަވާއީ ކީ އެލަވަ އެ ޗެނަލްގެ އިސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފައިވެ އެވެ.

ސަވާއީ ކިޔާފައިވަނީ ކައިލާޝް ހޭރްގެ ލަވައެއް ކަމަށްވާ “ތޭރީ ދިވާނީ” އެވެ. ނަވްޔާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އޭނާ ވަނީ ސޮނީ ޕޯސްޓު ކުރި އެ ވީޑިއޯގައި ސަވާއީއަށް ހިތްވަރުދީފައި އެވެ. އެގޮތުން “ޔެސް ސަވާއީ” ޖެހުމަށް ފަހު ވަނީ އަލިފާންގަނޑު އަރާ އިމޯޖީއެއް ޖަހާފަ އެވެ.

ނަވްޔާގެ ފަރާތުން ހިތްވަރު ލިބުމުން ޖެހިގެން އައި ޝޯގައި ސަވާއީ ބުނެފައިވަނީ ނަވްޔާ އޭނާއަށް ހިތްވަރު ދިނުމަކީ ލިބުނު ފަހުރަކާއި ހިތްވަރެއް ކަމަށެވެ. އަދި އެއް ހަފްތާއިން އަނެއް ހަފްތާއަށް ލަވަ ކިޔުމުގައި ކުރިއެރުން ގެންނަން އިތުރު ހިތްވަރަކަށް ވެއްޖެ ކަމަށެވެ.

ނަވްޔާ މީގެ ކުރިންވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަވާއީ ކީ ލަވަޔަކަށް ތައުރީފުކޮށްފައި އެވެ. އަދި އިންޑިއަން އައިޑޮލްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނަރަޔަންވެސް އޭނާގެ ލަވަކިޔުމުގެ ހުނަރުވެރިކަމާއި ކުޅަދާނަ ކަމަށް ތައުރީފުކޮށްފައިވެ އެވެ.

ސަވާއީ އަކީ ރާޖިސްތާނަށް ނިސްބަތްވާ މީހެކެވެ. ޝޯ ކުރިޔަށް ދަނިކޮށް އޭނާ ވަނީ މަންމަ ބަލިވެގެން ޝޯ ދޫކޮށްލަން އުޅެފައި އެވެ. އެކަމަކު ޖަޖުންގެ އާދޭހާއި އެކު އޭނާ މަޑުކުރީ އެވެ.

Like
Like Love Haha Wow Sad Angry
15