ބ. އަތޮޅު ހަނިފަރު ފަރަށް އެރި އުޅަނދު އަދިވެސް ފުންނުކުރެވޭ ކަމަށް ބ. އަތޮޅު ބަޔޮސްފިއާ ރިޒަރވް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރަވަންދޫ ފުރައިގެން މާލެ ދިޔަ މަގުމަތީގައި ރ. އަތޮޅު ރިސޯޓަކަށް މުދާ ސަޕްލައި ކުރާ އުޅަނދެއް ހަނިފަރު ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެ އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބަޔޮސްފިއާ ރިޒަރވް އޮފީހުގެ ޓީމެއް ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހަނިފަރު ސަރަހައްދު ބަލަހައްޓަމުން އަންނަނީ ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒަރވްގެ އޮފީހުންނެވެ. އަދި ޚާއްޞަ ހުއްދައެއްގެ ދަށުން ނޫނީ ހަނިފަރު ސަރަޙައްދަށް ވަނުމަކީ މަނާ ކަމެކެވެ.
ޤާނޫނާއި ޚިލާފުވުމާއި ތިމާވެއްޓަށް ގެއްލުންދިނުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ ޚިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން ޢާންމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
އަދި މި މާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މި ޤާނޫނާ ޚިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ބަޔޮސްފިއާ ރިޒަރވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ޚާއްޞަ ތަނަކީ ހަނިފަރު ކަމަށްވާ އިރު، އެ ސަރަޙައްދުން އެންމަޑި އާއި ފެހުރިހި ޢާންމުކޮށް ފެނެއެވެ. އަދި ފީނުމަށް ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް އެ ސަރަޙައްދަކީ ވަރަށް މުހިންމު ތަނެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން 3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް ކޮންމެ އަހަރަކު ލިބެއެވެ.