ޚަބަރު ފީތާ

އެކްސްޕްރެސް ޕާރލް އަޑިއަށްދާން ފަށައިފި

ސްރީލަންކާ ކައިރީގައި އަލިފާން ރޯވި، އެކްސްޕްރެސް ޕާރލް އަޑިއަށް ދާން ފަށައިފިކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އެގައުމުގެ ޑެއިލީ މިރާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ރޯވި އެމްވީ އެކްސް-ޕްރެސް ޕާރލްގެ އަލިފާންގަނޑު އިއްޔެވަނީ ނިއްވާލާފަ އެވެ.

އެހެންނަމަވެސް އެ ބޯޓުގައި އެހާގިނަދުވަހު އަލިފާން ރޯވެފައިވާތީ، އޭގެތެރެއަށް މިހާރުވަނީ ވަރަށްބޮޑަށް ފެން ވަދެފަ އެވެ.

އެ ބޯޓުގައި އަލިފާން ރޯވުމާއެކު ކަނޑުގެ ފުން ސަރަހައްދަކަށް ގެންދަންވެސް ވަނީ މަސައްކަތް ކޮށްފައެެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބުވާގޮތް ނުވެ، ބޯޓުގެ ކޮޅުފަސްކޮޅުން ބަޔެއް އެއްކޮށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާ ނޭވީގެ ތަރުޖަމާނު ކެޕްޓަން އިންޑިކާ ޑި ސިލްވާ އާ ހާވާލާދީ ޑެއިލީ މިރާގައި ބުނެފައިވަނީ އެ ބޯޓު ޓޯވ ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯޓުން ކަނޑަށް ތެޔޮ ލީކުވުން ކަމަށެވެ.

އިންޑިއާއިން ކެމިކަލާއި ކޮސްމެޓިކްސްގެ ބާވަތްތައް އަރުވައިގެން ދަތުރުކުރަމުން ދިޔަ ސިންގަޕޫރުގައި ރެޖިސްޓްރީ ކޮށްފައިވާ އެކްސް-ޕްރެސް ޕާލްގައި ރޯވީ ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވަ އެވެ.

މިހައިތަނަށް ހޯދި ހޯދުންތަކަށް ބުރަވެ، ރިޕޯތުތައް ބުނެފައިވަނީ އަލިފާން ރޯވީ އެ ކެމިކަލްތަކުގެ ސަބަބުން ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި 25 ކުރޫން ތިއްބެވެ. އެއީ ފިލިޕީންސް، ޗައިނާ، އިންޑިއާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުން ނެވެ.

ލަންކާއިން ހާދިސާ ތަހުގީގު ކުރަމުންދާ އިރު ބޯޓުގެ ކެޕްޓަނާއި އިންޖިނިއަރާއި އެސިސްޓެންޓު އިންޖިނިއަރު އެގައުމުން ފުރައިގެން ދިޔުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.