ޚަބަރު ފީތާ

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި ބާއްވަން ނިންމައިފި

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާ ބްރެޒިލް ގައި ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވީ އިރުވެސް މުބާރާތް ހޮސްޓު ކުރާނެ ވަކި ގައުމެއް ނެތި އެ މުބާރާތް ނުބޭއްވޭނެ ކަމަށް ވެސް ބެލެވުނެވެ. މި މުބާރާތް ކުރިން ބާއްވަން ނިންމާފައިވަނީ އާޖެންޓީނާއާއި ކޮލަމްބިއާގައި ކަމުގައި ވީނަމަވެސް ފަހުން ވަނީ އެ ކަން އަނބުރާ ގެންގޮސް އެގަައުމުގައި މި މުބާރާތް ނުބާއްވާ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ކޮލަމްބިއާގައި މުބާރާތް ނުބާއްވަން ނިންމާފައިވަނީ ކޮވިޑްގެ ނުރައްކާ ބޮޑުވުމާއި އެގައުމުގައި ކުރަމުންގެންދާ ހަލުތާލުތައްވެސް ބޮޑުވުމުންނެވެ. މީގެ އިތުރުން އާޖެންޓީނާގައި މެޗުތައް ނުކުޅެން ހަމަޖެއްސީވެސް ކޮވިޑްގެ ނުރައްކާ ބޮޑުވުމުް ކަމުގައި ކޮންމެބޯލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސައުތް އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ގައުމީ ޓީމު ތަކުގެ މުބާރާތް މި އަހަރު ކެންސަލް ނުކޮށް ކުރިއަށްދާނެ ކަމަށާއި އެ މުބާރާތް މިހާރު ހޮސްޓުކުރާގޮތައް ހަމަޖެހިފައި އޮތީ ބްރެޒިލްގައި ކަމަށެވެ.

އަދި މުބާރާތް ބޭއްވުމަށް ކުރިންވެސް ތާވަލުކޮށްފައި އޮތް ގޮތަށް ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށްވެސް ބަޔާނުގައި ވެއެވެ.

މި އަހަރު ބާއްވާ ކޮޕާ އެމެރިކާއަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވާ ކުލަބުތަކަށް ބަލާއިރު ބްރެޒިލްގެ އާއި އާޖެންޓީނާ އަދި ކޮލަމްބިއާގެ އިތުރުން އެކުއެޑޯ، ޕެރޫ، ބޮލީވިއާ، ވެނެޒުއޭލާ އަދި ޗިލީ އާއި ޕެރެގުއާއިގެ އިތުރުން އުރުގުއާއި ވަނީ ބައިވެރިވާން ނިންމާފައެވެ.

މީގެއިތުރުން ހާއްސަ ދައުވަތެއްގެ ދަށުން އޮސްޓްރޭލިއާ އާއި ގަތަރަށްވެސް މުބާރާތުގައި ބައިވެރިވާން ފުރުސަތުދިން ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ޝެޑިއުލް އަށް ގެނައި ބަދަލާއެކު މި ދެ ގައުމަށް ކޮޕާ އެމެރިކާގައި ބައިވެރި ވެވޭގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަނުންނަކީ ބްރެޒިލްއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި ބާއްވަން ނިންމައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.