
އިޒްރޭލު ސިފައިން ދެކުނު ލުބުނާނުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ނަބަޠިއްޔާއަށް ފޯރައިފި
2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިޒްރޭލުގެ ލަޝްކަރުން ދެކުނު ލުބުނާނުގެ ލިޠާނީ ކޯރު ހުރަސްކޮށް، އެ ސަރަޙައްދުގެ މުހިންމު ސިޓީއެއް ކަމަށްވާ ނަބަޠިއްޔާ ވަށާލުމަށް ތައްޔާރުވެއްޖެއެވެ.
ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެމުން ލުބުނާނުގެ އަސްކަރީ އިސް މަސްދަރުތަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ، އިޒްރޭލުން އަމިއްލައަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ސަރަޙައްދު ނުވަތަ ’ބަފަރ ޒޯން‘ ގެ ބޯޑަރު ކަމަށްވާ ލިޠާނީ ކޯރު، އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން މިހާރު ހުރަސްކޮށްފައިވާ ކަމަށެވެ.
އިޒްރޭލު ސިފައިން މިހާރު ތިބީ ދެކުނު ލުބުނާނުގެ އިޤްތިޞާދީ އަދި ސަގާފީ މަރުކަޒެއް ކަމަށްވާ ނަބަޠިއްޔާގެ ބޭރު ފަށަލައިގައެވެ. ޝީޢީންގެ އަޣުލަބިއްޔަތު އޮންނަ މި ސިޓީ އިޒްރޭލުގެ ބާރުގެ ދަށަށް ގޮސްފިނަމަ، މިއީ ލުބުނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނަބަޠިއްޔާއަކީ އިޒްރޭލުގެ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ތާރީޚީ ގޮތުން އެންމެ ކުރީ ސަފުގައި ދެމިއޮތް، ލުބުނާނުގެ ރައްޔިތުންގެ މެދުގައި ދިފާޢީ ރަމްޒެއްގެ ގޮތުގައި ބެލެވޭ ރަށެކެވެ.
ދެކުނުގެ ސިޓީއެއް ކަމަށްވާ ޞޫރު (Tyre) އިން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ރިޕޯޓަރު އުބައިދާ ހިއްތޯ ބުނި ގޮތުގައި، އިޒްރޭލުން ދަނީ ދެކުނު ލުބުނާނަށް ދެމުންދާ ވައިގެ ޙަމަލާތައް ވަރުގަދަކޮށް، ނަބަޠިއްޔާއަށް އަރައިގަތުމަށްޓަކައި އެ ސިޓީ ވަށާލުމުގެ މަސައްކަތް ކުރަމުންނެވެ.
”ބެލެވޭ ގޮތުގައި އިޒްރޭލުން މި މަސައްކަތް ކުރަނީ ހިޒްބުﷲގެ ދިފާޢީ ދެވަނަ އަދި ތިންވަނަ ފަށަލަ ފޫއަޅުވާލައި، ނަބަޠިއްޔާ ވަށާލުމަށްފަހު ބިޤާޢު ވާދީގެ ހުޅަނގު ފަރާތް ގައުމުގެ ދެކުނާ މުޅިން ވަކިކޮށްލުމަށް،“ ހިއްތޯ ބުންޏެވެ.
މީގެ އިތުރުން، ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަބަޠިއްޔާ ކައިރިން ދަތުރުކުރި އުޅަނދަކަށް އިޒްރޭލުގެ ލާއިންސާނީ ޑްރޯން ޙަމަލާއެއް އަމާޒުވުމުގެ ސަބަބުން، ލުބުނާނުގެ ދެ ސިފައިން ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ.



