ލޯކަލް ޕްލެޓްފޯމާއެކު ދަރިވަރުންގެ އިންޓަރނެޓުގެ މައްސަލަ ހައްލުކުރެވޭނެ: މިނިސްޓަރ
ދަރިވަރުންނަށް ދިމާވެފައިވާ އިންޓަރނެޓުގެ މައްސަލަ ހައްލުކުރުމަށް ގާއިމުކުރާ ލޯކަލް ޕްލެޓްފޯމާއެކު އެ މައްސަލަ ހައްލުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލްނިއުސް އިން ކުރި ސަުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޑޭޓާގެ މައްސަލަ ހައްލުކުރުމަށް ލޯކަލް ޕްލެޓްފޯމެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެމަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި މި ޕްލެޓްފޯމް ޓެސްޓުކުރެވިފައިވާ ކަމަށެވެ.
” ހުރިހާ ސްކޫލްތަކެއްގައި ބޭނުންކުރުމަށް މިއަހަރުގެ އޮގަސްޓުމަހު ހުޅުވާލެވޭނެ. ސްކޫލްތަކަށް މި ޕްލެޓްފޯމް ތައާރަފް ކުރެވުމާއިއެކު، ޑޭޓާގެ މައްސަލަތަކަށް ހައްލެއް ލިބޭނެ.” މިނިސްޓަރ ވިދާޅުވި އެވެ.
ދިރާގާއި އުރީދޫއިން ދަރިވަރުންނަށް އަގުހެޔޮކޮށް އިންޓަރނެޓުގެ ޕެކޭޖުތައް ފޯރުކޮށްދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.