މެޗްގެ އެންމެ ފަހު ވަގުތު މުހައްމަދު އުމޭރު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ގޯލާއެކު ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް ކުރިހޯދާ އުރީދޫ ދިވެހި ޕްރިމިއާ ލީގް ހޯދުމާ ފގާތަށް މާޒިޔާ ޖެހިލައިފިއެވެ.
ޔުނައިޓެޑު ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ.
މާޒިޔާއިން ލަނޑު ޖަހާފައި ވަނީ މެޗްގެ 90 މިނެޓް ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ކުޅުން ހަމަވިފަހުންނެވެ. މިކަމާ ޔުނައިޓެޑް ވިކްޓަރީގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ގޮތުން ވަގުތު ހަމަވެއްޖެ ކަމަށް ބުނެ ޔުނައިޓެޑް ވިކްޓަރީގެ ބެންޗުން ވަރަށް ބޮޑަށް ރެފްރީ އަށް ޝަކުވާ ވެސްކުރި އެވެ.
މި މެޗުން ޔުނައިޓެޑް ވިކްޓަރީ އަށް މަދުވެގެން ޕޮއިންޓެއް ލިބުނުނަމަ ވެސް އެ ޓީމަށް ގަދަ ހަތަރަކަށް އެރޭނެ އެވެ. އެއީ 20 ޕޮއިންޓާއެކު މިވަގުތު ހަތަރުވަނާގައި އޮތް ވެލެންސިއާ ބީޖީ އަތުން ބަލިވުމުންނެވެ. ތިން ވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑް ވިކްޓަރީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ނަމަވެސް ތިން ވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓެއް ހޯދުނު ވެލެންސިއާ އަށްވުރެ ފަހަތަށް ޔުނައިޓެޑު ވިކްޓްރީ ޓީމު ދަނީ ގޯލުގެ ތަފާތުންނެވެ.
ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް ކުރިހޯދައިގެން ތިން ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި މާޒިޔާ މިވަގުތު އޮތީ 43 ޕޮއިންޓް ހޯދައި 11 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެ ވަނައިގައި 32 ޕޮއިންޓައެކުއޮތީ އީގަލްސް އެވެ. އީގަލްސް މާދަމާ ކުޅޭ މެޗުން އެއްވަރު ވިޔަސް މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގް ކަށަވަރުވާނެއެވެ.