ކޮވިޑު ޖެހުނު 7 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގަ: އެޗްއީއޯސީ
ކޮވިޑު ޖެހުނު 7 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެކުއްޖާއަށް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލްނިއުސް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެކުއްޖާއަކީ ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލީ މީގެ ދެ ދުވަސް ކުރިން ނެވެ.
މިއީ ކޮވިޑު ޖެހިގެން ރާއްޖޭގައި މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.
ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 18 އަހަރުން ދަށުގެ 240 ކުއްޖަކު އެބަތިއްބެވެ.