ޚަބަރު ފީތާ

ޗެމްޕިއަންސް ލީގު ފައިނަލް: ޗެލްސީ އަދި ސިޓީގެ ބޮޑު ހަނގުރާމަ މިރޭ

ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރާނެ އެއް މެޗަކަށް މިރޭ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުވެގެންދާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.  މިރޭ ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.

އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި މިފަހަރުގެ ޕްރިމިއާލީގު ހަތަރުވަނާގައި ނިންމާލި ޗެލްސީ ބައްދަލުކުރާނެއެވެ.

މިރޭ ފައިނަލްގައި ޗެލްސީއާއި ދެކޮޅަށް ނިކުންނަ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ސިޓީގެ ތާރީހުގައި ވެސް އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާއިރު ސިޓީ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ހަތްވަނަ ޓީމަށެވެ.

ޔޫރަޕުގެ އެންމެ ބޮޑު އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުން ސިޓީޖާގަ ހޯދިއިރު، މިއީ އެކުލަބުގެ ތާރީޚުގައި މިފަހަދަ ބޮޑު މުބާރާތެއްގެ ފައިނަލް  ކުޅޭ ފުރަތަމަ ފަހަރެވެ. 1968 ވަނަ އަހަރުން ފެށިގެން 23 އަހަރުގެ ބޮޑު މެދު ކެނޑުމަކަށް ފަހު ސިޓީ ޗެމްޕިއަންސް ލީގު މުބާރާތް ގަވައިދުން ކުޅެންފެށީ 12-2011 ވަނަ އަހަރުގެ މުބާރާތުން ފެށިގެންނެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓިނަމަވެސް އޭގެ ފަހުން ބޭއްވުނު ހުރިހާ މުބާރާތްތަކެއްގެ ވެސް ގުރޫޕް ސްޓޭޖު ފަހަނައަޅާ ދަރުކޮށްފައިވެއެވެ. އެޓީމުގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އެޓީމުގެ ކޯޗުކަމާއި 2016 ވަނަ އަހަރު ހަވާލުވިފަހުން މި މުބާރާތުގައި ރަނގަޅު ކުރި އެރުންތަކެއް ހޯދާފައިވެއެވެ. އެގޮތުން 16-2015 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކުރިއިރު، 18-2017، 19-2018 އަދި 20-2019 ގައި ސިޓީން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް ކުޅެފައިވެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ގުންޑޮގާންއަށް ނުކުޅެވޭނެ ކަމަށެވެ. އަދި  އޭނާ އަށް އަނިޔާވީ އެންމެ ފަހުން ބޭއްވުން ފަރިތަކުރުންތަކުގައި ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ. ޗެލްސީއަކީ ކިތެންމެ ވަރުގަދަ ޓީމަކަށް ވި ނަމަވެސް ޗެލްސީގެ ގޭމް އެޓީމުން ބަދަލު ނުކުރާނެ ކަމަށާއި އެޓޭކިން ފުޓްބޯޅައެއް ކުޅޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މިރޭ ސިޓީއާއި ދެކޮޅަށް ނިކުންނަ ޗެލްސީން އަންނަނީ 1990 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ގަވައިދުން ވާދަކުރަމުންނެވެ. އެގޮތުން މިހާތަނަށް ދެ މުބާރާތެއްގެ ފައިނަލްގައި ކުޅެފައިވާއިރު، އެޓީމުން ވަނީ 2012 ވަނަ އަހަރުގެ މުބާރާތުގެ ތަށިވެސް އުފުލާލާފައެވެ. އެ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީން އުފުލާލީ އޭރު ކޯޗުކަމުގައި ހުރި ރޮބާޓޯ ޑިމަޓިއޯގެ ކޯޗުކަމުގެ ދަށުންނެވެ. އޭގެ ފަހުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ޗެލްސީއަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް މައުރީޒިއޯ ސާރީގެ ކޯޗުކަމުގެ ދަށުން 2019 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ތަށި އެޓީމުން ވަނީ ހޯދާފައެވެ.

ޗެލްސީން މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ 0-2 ގެ ނަތީޖާއަކުން ސްޕެއިންގެ ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށްލުމަށްފަހުއެވެ. މި ނަތީޖާ ވެގެންގޮސްފައިވަނީ ގިނަ ބަޔަކަށް ސިހުމާއި ހައިރާންކަން ގެނުވި ނަތީޖާއަކަށެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޗެލްސީއަކީ ވަރަށް ކޮލިޓީ ރަނގަޅު ޓީމެއްކަން މި ސީޒަނުގައި އެކްލަބުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެޓީމަށް އެޓޭކް ކުރުމުގެ ފުރުސަތު ނުދީ ޕްރެސްކޮށްގެން ރަނގަޅަށް ޑިފެންޑް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ނެތް ނަމަވެސް އެންގޯލޯ ކާންޓޭ އާއި އެޑްވާޑް މެންޑީއަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މެދުގައި ސުވާލު އުފެދިފައިވާކަމަށް ވެސް ޓުޗެލް ވަނީ ބުނެފައެވެ.

ޗެލްސީ އަދި މެންޗެސްޓާ ސިޓީ މިރޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ނިކުންނައިރު، މިއީ ޗެމްޕިއަންސް ލީގު މުބާރާތެއްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެކި ގޮތްގޮތުން މި ދެޓީމު ވަނީ ގިނަ ކުރިމަތިލުންތަކަކާއި ކުރިމަތިލާފައެވެ. އެގޮތުން އެންމެ ގިނައިން ކުރިމަތިލާފައިވަނީ ޕްރިމިއާ ލީގުގައެވެ. އެގޮތުން 168 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު، މީގެ ތެރެއިން 70 ފަހަރަު ސިޓީން ކުރި ހޯދާފައިވާއިރު، ޗެލްސީއަށް ސިޓީގެ މައްޗަށް ކުރި ހޯދިފައިވަނީ 59 ފަހަރުއެވެ. އަދި 39 މެޗުން ވަނީ އެއްވަރުވެފައިއެވެ.

ފަހުގެ ތާރީޚެއްގައި ޔޫރަޕުގެ ބޮޑު މުބާރާތެއްގައި މިހާތަނަށް މި ދެޓީމު ވާދަކޮށްފައިނުވި ނަމަވެސް 1960 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ބޭއްވުނު ޔޫރަޕިއަން ކަޕް ވިނާސްކަޕްގައި މި ދެޓީމު ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. އެއީ 1971 ވަނަ އަހަރު، މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައެވެ. މި މުބާރާތުގައި ކުޅުނު ދެ ލެގުންވެސް ޗެލްސީގެ މައްޗަށް ސިޓީން ވަނީ ކުރި ހޯދާފައެވެ. މި މުބާރާތް މިހާރު ވަނީ އުވާލާފައެވެ.

ނިމިގެން ދިޔަ ސީޒަނަށް ބަލާއިރު، މިއަހަރުގެ ސީޒަނުގައި މި ދެޓީމު ތިންފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އެއީ ލީގު ދެ މެޗާއި އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗުގައެވެ. މީގެ ތެރެއިން ލީގުގައި ކުޅުނު މެޗެއްގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލުން ވެސް ޗެލްސީ ވަނީ ސިޓީއަތުން ބަލިވެފައެވެ. އެޓީމަށް ސިޓީގެ މައްޗަށް ކުރިހޯދިފައިވަނީ ލީގުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އެކަންޏެވެ.

މި ދެޓީމުގެ ބައްދަލުކުރުންތަކުގެ ތާރީޚުތަކަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ކުރި ލިބެނީ ސިޓީއަށެވެ. އެހެން ކަމުން ފުޓްބޯޅައިގެ މާހިރުން ވިދާޅުވާ ގޮތުގައި މިރޭގެ މެޗުންވެސް ކާމިޔާބު ލިބުން ގާތީ ސިޓީއަށެވެ.

އިންގިރޭސި ދެ ކުލަބު ކަމަށްވާ ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގެ ޕޯޓޯއަށް ނިސްބަތްވާ ސްޓޭޑިއޯ ޑޯ ޑްރަގާއޯ ސްޓޭޑިއަމްގައެވެ. މި ސްޓޭޑިއަމް އަކީ އެއްފަހަރާ 50،000 މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ވޮތައް ހަދާފައިވާ ސްޓޭޑިއަމްއެކެވެ. މިރޭގެ ފައިނަލް މެޗުބެލުމަށް ސަޕޯޓަރުން ދަނޑަށް ވަންނުމަށް ޕޯޗުގަލްގެ އޮތޯރިޓީތަކުން ހުއްދަދީފައިވާއިރު، 16500 ސަޕޯޓަރުން މެޗުބެލުމަށް ދަނޑަށް ވަންނާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00ގައި ފެށޭ މިމެޗު ބަލާލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންވެސް ތައްޔާރުވަމުން އަންނައިރު މިއީ ނުބަލައި  ދޫކޮށްލާވަރުގެ މެޗެއް ނޫނެވެ. ދެޓީމުގެ ވަރުގަދަ ކުރިމަތިލުމަކަށް ފަހު މޮޅުވާ ޓީމެއް ބަލަން އެތައް މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތިބީ ކެތް މަދުވެފައެވެ.

Like
Like Love Haha Wow Sad Angry