ޚަބަރު ފީތާ

މާލޭ ސިޓީގެ ހާލަތާއި ގުޅޭގޮތުން ރައީސް ސޯލިހު އާއި މޭޔަރ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މޭޔަރ މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރެއްވެވިއެވެ. އަދި މި ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމުގައިވެސް އެމަނކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މޭޔަރގެ ވާހަކަފުޅުގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވެވިއެވެ.

Like
Like Love Haha Wow Sad Angry