ޚަބަރު ފީތާ

ޔޫރޮޕާ ލީގު ފައިނަލް: ޔުނައިޓެޑް އަދި ވިޔަރެއާލް ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރު

މި ރެއަކީ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅޭ ރެ އެވެ.

ޕޮލެންޑްގެ ޑަންސްކް ސްޓޭޑިއަމްގައި މިރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑް އާއި ސްޕެއިންގެ ވިއަރެއާލްއެވެ.

މި ދެޓީމުގެ ތެރެއިން ވިޔަރެއާލް އިން މިރޭ ނުކުންނަނީ ޔޫރޮޕާ ލީގުގެ ތައްޓެއް ނުލިބި ކުރަމުންދާ ދިގު އިންތިޒާރަށް ނިމުން ގެނައުމަށެވެ.

މިރޭ ޔުނައިޓެޑް އާ ދެކޮޅަށް ނިކުންނަ ވިޔަރެއާލް އިން މީގެ ކުރިން މި މުބާރާތުގެ ސެމީފައިނަލްގައި ހަތަރު ފަހަރެއްގެ މަތިން ކުޅެފައިވީ ނަމަވެސް މި މުބާރާތުގެ ތައްޓެއް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެޓީމުން މި މުބާރާތުގެސެމީ ފައިނަލްގައި ކުޅެފައިވަނީ 4-2003، 6-2005،

2010-11، އަދި 16-2015 ގެ މުބާރާތުގައެވެ. މިއީ ވިޔަރެއާލްގެ ތާރީޚުގައި ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. އެޓީމު މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރު އެޓީމާއި ހަވާލުވި އުނާއި އެމެރީގެ ކޯޗުކަމުގެ ދަށުންނެވެ. ވިޔަރެއާލް މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ވަރުގަދަ އާސެނަލް ކަޓުވާލުމަށް ފަހުގައެވެ.

ވިޔަރެއާލް އާއި ޚިލާފަށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. އެއީ 2016 ވަނަ އަހަރު އެޓީމުގެ ކޯޗުކަމާއި ހަވާލުވެ ހުރި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުންނެވެ. މިއީ އެކުލަބުގެ ތާރީޚުގައިވެސް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑުން މި މުބާރާތުގެ ތަށި ނެގީ 17-2016 ވަނަ އަހަރުގެ މުބާރާތުގައެވެ. އޭގެ ފަހުން މި މި މުބާރާތް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމާއި މިވަގުތު ހަވާލުވެ ހުރި އޮލިގަނަ ސޮލްޝެއާގެ ކޯޗުކަމަުގެ ދަށުން އެޓީމު ވަނީ މިހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ޔުނައިޓެޑް މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިޓަލީގެ ރޯމާ ކަޓުވާލުމަށްފަހުގައެވެ.

ވިޔަރެއާލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ތާރީޚީ ކުރިމަތިލުންތަކަށް ބަލާއިރު، މިއީ މި ދެޓީމު ޔޫރޮޕާ ލީގުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން މި ދެޓީމު ހަތަރު ފަހަރެއްގެ މަތިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައިވެއެވެ. މި ހަތަރު މެޗުންވެސް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ދެޓީމު ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައިވަނީ 6-2006 އަދި 9-2008 ވަނަ އަހަރުގެ މުބާރާތުގައެވެ. އޭގެ ފަހުން އެއްވެސް ވާދަވެރި މެޗެއްގައި މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ.

މީގެ 50 އަހަރު ކުރިން ވުޖޫދުވި ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ސްޕެއިންގެ ސެވިއްޔާއެވެ. އެޓީމުން ވަނީ މި މުބާރާތް ހަ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީވެސް ސެވިއްޔާއެވެ. ދެވަނަ އަށް އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކުރީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްއެވެ. އެޓީމުން މި މުބާރާތް މިހާތަނަށް ތިން ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.

ޔޫރޮޕާ ލީގު އެންމެ ފުރަތަމަ ބޭއްވުނީ އިންޓަ ސިޓީސް ފެއާަ ކަޕް ގެ ނަމުގައި 1971 ވަނަ އަހަރު އިނގިރޭސިވިލާތުގައެވެ. އޭގެ ފަހުން މުބާރާތުގެ ނަން ރިބްރޭންޑް ކޮށް މިހާރުގެ ގޮތަށް ބަދަލުކުރީ 2009 ވަނަ އަހަރުގައެވެ. މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދާ ޓީމަކަށް ޔޫއެފާ ސުޕަކަޕުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ.

ޔުނައިޓެޑް އަދި ވިޔަރެއާލް ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:00 ގައެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: