ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް: ހަންގޭރީ

ހަންގޭރީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އެންމެ ފުރަތަމަ ކުޅެފައިވަނީ 1964 ވަނަ އަހަރު ސްޕެއިންގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީފައިނަލްގައި ހަންގޭރީ ވަނީ ކުޅެފައެވެ. އޭގެ ފަހުން 1968 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތަށް އެޓީމު ކޮލިފައި ނުވެއެވެ. ނަމަވެސް ޖެހިގެން އައި މުބާރާތް 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވުނު މުބާރާތުގައި ވާދަކޮށް ކުއާޓާފައިންލާއި ހަމައަށް ދަތުރު ކުރިއެވެ. އެ މުބާރާތަށް ފަހު 40 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތަށް ކޮލިފައިވިއެވެ. އެ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރު ކުރިއެވެ. ޔޫރޯ ގައި ހަންގޭރީއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1964 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްއާއި ހަމައަށް ދަތުރުކުރުމެވެ. މިފަހަރުގެ މުބާރާތަކީ އެޓީމު ކުޅޭ ފަސްވަނަ ޔޫރޯ މުބާރާތެވެ.

ކޮލިފައިވީ ގޮތް

ޔޫރޯ ކޮލިފިކޭޝަންގައި ހަންގޭރީ ލައްވާލާފައިވަނީ، ގްރޫޕް އީގައެވެ. ހަންގޭރީއާއެކު ދެން މި ގްރޫޕްގައި ހިމެނުނީ، ކްރޮއޭޝިއާ، ވޭލްސް، ސްލޮވޭކިއާ، އަޒަރަބައިޖާންއެވެ.

ހަންގޭރީ ޔޫރޯއަށް ކޮލިފައިވީ، ގްރޫޕްގެ ހަތަރުވަނަ ހޯދައިގެން، ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި ހަންގޭރީ ކުރި ހޯދީ، އައިސްލޭންޑްގެ މައްޗަށެވެ.

ކޮލިފިކޭޝަންގައި ހަންގޭރީން ކުޅުނު 8 މެޗުގެ ތެރެއިން، ހަތަރު މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ހަތަރު މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު:

ހަންގޭރީގެ ގައުމީޓީމުގެ ހެޑް ކޯޗަކީ އިޓަލީގެ ފުޓްބޯޅަ ލެޖެންޑެއް ކަމުގައިވާ މާކޯ ރޮޝީއެވެ. މިހާރު އުމުރުން 56 އަހަރު ވެފައިވާ ރޮޝީއަކީ ކުރިން އިޓަލީގެ ގިނަ ކުލަބުތަކަކަށް ކުޅެ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ކޯޗެއްގެ ގޮތުގައިވެސް ގިނަ ކުލަބުތަކެއްގައި ހަރަކާތްތެރި ވެފައިވެއެވެ. ހަންގޭރީގެ ގައުމީ ޓީމާއި ރޮޝީ ހަވާލުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ރޮޝީގެ އިރުޝާދުގެ ދަށުން ހަންގޭރީ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. ހަންގޭރީގެ ކޯޗުކަމާއި ރޮޝީ ހަވާލުވެ ފުރަތަމަ އެޓީމު ކުޅެފައިވަނީ އައިސްލެންޑާއި ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިން ޕްލޭއޮފް މެޗެވެ. ނަމަވެސް ހަންގޭރީ މި މެޗު ކުޅުނު އިރު، ރޮޝީ ހުރީ ކޮވިޑަށް ފައްސިވެ އެކަހެރި ކުރެވިފައެވެ.

މުހިއްމު ކުޅުންތެރިން

ހަންގޭރީ ޓީމުގައި ފާހަގަކޮށްލެވޭ ތިން ކުޅުންތެރިއަކު އެބަތިއްބެވެ. އެގޮތުން ޖަރުމަންގެ އާރްބީ ލެއިޕްޒިގް އަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ވިލިއަމް އޯބަން، އަދި އާރްބީ ލައިޕްޒިގް އަށް ކުޅޭ ޒުވާން އެޓޭކިން މިޑްފީލްޑަރ ޑޮމިނިކް ޒޯބަސްލާއީ ގެ އިތުރުން ޖަރުމަންގެ ފެރެއިބާގް އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ރޯލަންޑް ސަލާއީ ހިނެއެވެ.

މި ތިން ކުޅުންތެރިންނަކީ ވެސް ހަންގޭރީ ޓީމުގައި ހިމެނޭ މުހިންމު ތިން ކުޅުންތެރިންނެވެ. އެގޮތުން ޑޮމިނިކް ޒޯބަސްލާއީ އާއި ރޯލަންޑް ސަލާއީ ވަނީ ޔޫރޯއަށް ހަންގޭރީ ކޮލިފައިކޮށްދިނުމުގައި، މުހިއްމު ގޯލްތަކެއް އެޓީމަށް ކާމިޔާބުކޮށްދިްނ ދެ ކުޅުންތެރިންނެވެ.

ޑޮމިނިކް ޒޯބަސްލާއި: ޖަރުމަންގެ އާރްބީ ލެއިޕްޒިގް އަށް ކުޅެމުން އަން އިތުބާރު އެޓޭކިން މިޑްފީލްޑަރ ޑޮމިނިކް ޒޯބަސްލާއި އަކީ މިވަގުތު ހަންގޭރީ ޓީމުގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާއެވެ. ޔޫރޯއަށް ކޮލިފައި ވުމުގައި ކުޅުނު މެޗުތަކުގައި މުހިންމު ގޯލްތަކެއް ކާމިޔާބު ކޮށްދީފައިވެއެވެ. އެގޮތުން ކޮލިފައި ވުމަށް އައިސްލެންޑާއި ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުގައި ހަންގޭރީ މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ޑޮމިނިކް ޒޯބަސްލާއީއެވެ. 2019 ވަނަ އަހަރު ހަންގޭރީގެ ގައުމީޓީމަށް ކުޅެން ފެށި ޑޮމިނިކް ޒޯބަސްލާއީ ވަނީ މިހާތަނަށް ހަންގޭރީގެ ގައުމީޓީމަށް ކުޅެދިން 12 މެޗުގައި 3 ގޯލް ޖަހައިދީފައެވެ.

ވިލިއަމް އޯބަން: ވިލިއަމް އޯބަންއަކީ މިވަގުތު ހަންގޭރީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ޖަރުމަންގެ އާރްބީ ލެއިޕްޒިގްއަށް ކުޅެމުން އަންނަ ވިލިއަމް އޯބަންއަކީ ހަންގޭރީގެ ޑިފެންސް ލައިނުގެ މައި ތަނބުވެސް މެއެވެ. މިއީ ހަންގޭރީގެ ގައުމީޓީމަށް ކުޅެން ފެށިފަހުން އޭނާ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. 2018 ވަނަ އަހަރު ހަންގޭރީގެ ގައުމީޓީމަށް ކުޅެން ފެށި ވިލިއަމް އޯބަން ވަނީ މިހާތަނަށް ހަންގޭރީގެ ގައުމީޓީމަށް 22 މެޗު ކުޅެދީ 5 ގޯލް ޖަހައިދީފައެވެ.

ގްރޫޕުގައި އޮތް ފުރުސަތު

ގުރޫޕް އެފްގައި ހަންގޭރީ ވާދަކުރަން ޖެހިފައިވަނީ ދުނިޔޭގެ ނިސްބަތުން ވަރުގަދަ ތިންބާރާއެވެ. މި ގުރޫޕްގައި ހަންގޭރީ ވާދަކުރަން ޖެހޭނީ މިމުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ޖަރުމަން އާއި ޕޯޗުގަލް އަދި ފްރާންސްއާއެވެ. ފްރާންސް އަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ. އަދި ޕޯޗުގަލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މި ގުރޫޕް ވެގެންދާނީ ހަންގޭރީއަށް އުނދަގޫ ގުރޫޕަކަށެވެ. މި ގުރޫޕުގައި ހިމެނޭ ޓީމުތަކާއި ދެކޮޅަށް ކުޅެމޮޅެއް ހޯދުމަކީ ހަންގޭރީ އަށް ވަރަށް އުނދަގޫ ވާނެމަކެވެ.

ގުރޫޕް “އެފް” ގައި ހިމެނޭ ޓީމުތައް

ފްރާންސް، ހަންގޭރީ، ޕޯޗުގަލް، ޖަރުމަން

ގުރޫޕް ސްޓޭޖުގައި ފްރާންސް ކުޅެން ޖެހޭ މެޗުތައް

15 ޖޫން – ހަންގޭރީ – ޕޯޗުގަލް

19 ޖޫން – ހަންގޭރީ – ފްރާންސް

24 ޖޫން – ހަންގޭރީ – ޖަރުމަން