ނިމިދިޔައަހަރު ދިރާގަށް 22 އިންސައްތައިގެ ގެއްލުމެއް!
ދިރާގަށް ނިމިދިޔައަހަރު 22.2 އިންސައްތައިގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ދިރާގުގެ 32 ވަނަ އަހަރީ ޢާންމު ޖަލްސާގަ އެވެ.
ކޮވިޑް19 ގެ ޙާލަތު އިތުރަށް ގޯސްވެފައިވާތީ، ދިރާގުގެ ޙިއްސާދާރުން، މުވައްޒަފުން އަދި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާވެސް ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ “ފަހިވޯޓު” މެދުވެރިކޮށް އޮންލައިންކޮށެވެ.
ފައިބެއަހަރުވެސް މި ޖަލްސާ ބޭއްވީ ފަހިވޯޓު މެދުވެރިކޮށެވެ.
މިއަދު ބޭއްވި އަހަރީ ޢާންމު ޖަލްސާގައި 46 ޙިއްސާދާރުންނާއެކު 717,373,704 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.
ދިރާގުން ބުނީ ކުންފުނީގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކީގައި، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ.
މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށް ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ދިރާގުން ބުނީ 2020 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު، ހިއްސާއަކަށް 4.77 ރުފިޔާ (39.8%) މަދު އަދަދެއް ކަމަށެވެ.
މުޅިދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ޙާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1% ދަށްވެފައިކަމަށް ދިރާގުން ވަނީ ފާހަގަ ކޮށްފަ އެވެ.
ދިރާގުން ބުނީ ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2 އިންސައްތަ ދަށް އަދަދެއްކަމަށް ވެސް ދިރާގުން ބުނެއެވެ.
ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށާއި، ދިރާގުގެ ޚިދުމަތްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރިކޮށްދީ، ދިވެހި މުޖުތަމަޢު ބާރުވެރި ކުރުމަށްޓަކައި ދިރާގުން ވަނީ ރާއްޖޭގައި ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރއެއް ގާއުމުކޮށްދީފައި ކަމަށް ވެސް ދިރާގުން ބުނެއެެވެ.
މީގެ އިތުރުން އިންޓަރނެޓް ކަނެޓްޓިވިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ދިރާގުންކުރި މުހިންމު އެއް އިންވެސްޓްމަންޓް ކަމުގައިވާ މޯލްޑިވްސް ސްރީލަންކާ ކޭބަލް (އެމްއެސްސީ) ގެ މަސައްކަތް ނިންމައި ޚިދުމަތްވަނީ ދޭންފަށާފައި ކަމަށާއި، މި މަޝްރޫގެ ޖުމްލަ އިންވެސްޓްމެންޓުގެ 45 އިންސައްތަ ދިރާގުން ޚަރަދު ކޮށްފައިކަމަށްވެސް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ ގިނަގުނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ތަޖުރިބާއެއް ހޯދައިދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު އަބަދުވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ 80 އިންސައްތަ ގޭބިސީއަށް ޚިދުމަތް ވަނީފޯރުކޮށްދީފައިވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ކަސްޓަމަރުންނަށާއި ވިޔަފާރިތަކާއި ޢާންމުންގެ ޚިދުމަތުގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އިތުރު ކަސްޓަމަރުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގާއި ގުޅުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް އިތުރުކޮށްފައިވާނެކަމަށްވެސް ދިރާގުންބުނެއެވެ.
ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއްކަމަށާއި، އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށްކަމަށްވެސް ދިރާގުން ބުނެއެވެ.
ކޮވިޑް19ގެ ސަބަބުން ޢާއްމު ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ވަނީ އެތަކެއް ލޮޅުމެއް އަރާފައިއެވެ. މުޅި ދުނިޔެ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ދިރާގުގެ ޚިދުމަތްތަކުން ވަނީ އައު ޢާންމު ޙާލަތަކަށް ނުވަތަ “ނިއު ނޯމަލް” އަކަށް ވާސިލުވުމަށް އެހީވެދީފައިއެވެ. އަދި ދިރާގުގެ ޚިދުމަތްތަކުގެ ސަބަބުން ދިވެހިން މަސައްކަތްކުރާ ގޮތާއި، އުނގެނުމާއި، ވިޔަފާރި ކުރާގޮތާއި އެކަކު އަނެކަކާ މުޢާމަލާތުކުރާ ގޮތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިއެވެ.