ޚަބަރު ފީތާ

މަރްހޫމް ގައްދޫ ޒާހިރުގެ ޢާއިލާއަށް ޕީޕީއެމް އިން ތަޢުޒިޔާ ކިޔައިފި

ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅު މެންބަރު ކަމާއި ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ތަޢުޒިޔާ ކިޔައިފި އެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅު މެންބަރު ކަމާއި ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އޮނަރަބަލް ޒާހިރު އާދަމް (ގައްދޫ ޒާހިރު) ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ފުން ހިތާމައާއި އަސަރާއިއެކު ކަމަށެވެ.

” އަލްމަރްޙުމް ޒާހިރު އާދަމްގެ ފުރާނަފުޅަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި، އާމިން.” ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޯލިޝަނުން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި އަލްމަރްހޫމް ޒާހިރު އާދަމް ގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޒާހިރާއި ޢާއިލާއަށް ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މިކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، ސްޓިއަރިންގ ކޮމިޓިތަކާއި އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ނަމުގައި ތާޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާ ކުރާ ކަމަށެވެ.

Like
Like Love Haha Wow Sad Angry