
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހު 27 އަށް ހަމަވަނީ
މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ފުރުޞަތު މި މޭ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެ އެވެ.
އެ އޮފީހުުން ވިދާޅުވީ ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މާދަމާ، މޭ މަހުގެ 18 ވާ ހޯމަ ދުވަހުން ފެށިގެން މޭ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ދެމެދު އެ އޮފީހުގެ ރިސެޕްޝަނުން ބަލައިގަންނާނެ ކަމަށެވެ.
ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު info@po.gov.mv މެދުވެރިކޮށް ވެސް ވަނީ ހުޅުވާލާފަ އެވެ. ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.
ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.
ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ https://presidency.gov.mv/Downloads/dv/47 އެވެ.



