މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ގޭބަންދަށް ބަދަލުކޮށްފި

1 މެލޭސިޔާ ޑިވޮލެޕްމެންް ބްރަހާދު (1އެމްޑީބީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލަށް ލާފައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާާގު އޭނާގެ ޖަލު ހުކުމުގެ ބާކީބައި ގޭބަންދުގައި ފުރިހަމަކުރެއްވުމަށް ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.

ޢުމުރުން 73 އަހަރުގެ ނަޖީބު ކުއާލަލަމްޕޫރުގައި ހުންނަ އޭނާގެ ގެއަށް ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފުލުހުންނާއި ޖަލު ބަލަހައްޓާ ފަރާތްތަކުގެ ހާއްސަ ސަލާމަތީ ފިޔަވަޅުތަކާ އެކުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު 1އެމްޑީބީން ބިލިއަނުން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ކުށް ސާބިތުވެ ނަޖީބު ޖަލަށް ލާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރަސްގެފާނު ދެއްވި މައާފުގެ ދަށުން ކޯޓުން ކަނޑައަޅާފައިވާ ޖޫރިމަނާ ދެއްކުމުން ހުކުމުގެ ބާކީބައި ގޭބަންދުގައި ހޭދަކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

މިއީ ކުރީގެ ރަސްގެފާނު އޭނާގެ 12 އަހަރުގެ ހުކުމް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދެއްވި ފަހުން ލިބުނު ދެވަނަ ލުޔެވެ. ނަޖީބު ގޭބަންދުގައި ހުންނަވަން ޖެހޭނީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށެވެ.

މެލޭޝިއާގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ނަޖީބު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އަބަދުވެސް އިންކާރު ކުރައްވަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި 4.5 ބިލިއަން ޑޮލަރުގެ މި ބޮޑު ޚިޔާނާތުގައި އޭނާއަކީ ބަޔަކު ރޭވުންތެރިކަމާއެކު ފްރޭމްކޮށްފައިވާ މީހެކެވެ. ނަމަވެސް ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި 1 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ އޭނާއާ ގުޅުންހުރި ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

ނަޖީބުގެ ސިޔާސީ ޕާޓީން 50 މިލިއަން ރިންގިޓް (12.3 މިލިއަން ޑޮލަރު) ގެ ޖޫރިމަނާ ދެއްކުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އޭނާ ޖަލުން ނެރުނު ނަމަވެސް އެޓާނީ ޖެނެރަލް ގާނޫނީ ބައެއް ކަންކަން ސާފުކުރަން އެދުމާ ގުޅިގެން އޭނާ އަލުން ޖަލަށް ގެންދެވުނެވެ.

ނަމަވެސް ކުއާލަލަމްޕޫރުގެ ހައިކޯޓުން އަންގާރަ ދުވަހުގެ ކުރީކޮޅު ވަނީ ނަޖީބު ބަދަލުކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލާފަ އެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ރޮބް މެކްބްރައިޑް ބުނި ގޮތުގައި ނަޖީބު މިނިވަންކުރުމާ ގުޅިގެން މެލޭޝިއާގެ ސިޔާސީ އަދި ދުސްތޫރީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.

އެޓާނީ ޖެނެރަލް މިކަމުގެ ތެރެއަށް ވަދެވަޑައިގަތުމާ މެދު ރަސްގެފާނު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ކަމަށާއި މިއީ ރަސްކަމާއި، ކޯޓުތަކާއި އަދި ސަރުކާރާ ދެމެދު އޮތް ނާޒުކު ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ކޯޓުގެ ނިންމުމަށްފަހު ހޯމް މިނިސްޓަރު ސައިފުއްދީން ނާސުތިއޯން އިސްމާއީލް ވަނީ މިކަމުގައި ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވީ މިއީ ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައަކަށް ވީހިނދު މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލޭ ފަދަ ސިޔާސީ އޮއިވަރުތަކެއްގެ ތެރެއަށް މިކަން ދޫކޮށްނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޭބަންދުގެ އަމުރަކީ ހަމައެކަނި ނަޖީބުގެ ފުރަތަމަ ހުކުމާ ގުޅޭ ކަމެކެވެ.

1އެމްޑީބީއާ ގުޅުންހުރި އެހެން މައްސަލައެއްގައި މިދިޔަ އަހަރު ސާބިތުވި ކުށަށް އޭނާގެ މައްޗަށް ވަނީ އިތުރު 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. އެ ހުކުމް ތަންފީޒު ކުރަން ފަށާނީ މިހާރު ހަމަޖެހިފައިވާ ގޭބަންދުގެ މުއްދަތު ހަމަވުމުންނެވެ.

ނަޖީބުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި ޖޫރިމަނާ ދެއްކުމުގެ ގާބިލުކަން ނެތުމުން ޖަލު ހުކުމާއި ޖޫރިމަނާ މެދުކަނޑާލުމަށް އޭނާގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.