
އިޒްރާއީލުން މިއަދުވެސް ޣައްޒާއަށް ޙަމަލާ ދެނީ
ޣައްޒާއަށް ދޭ ޙަމަލާތައް އިތުރު ކުރާނެ ކަމަށް އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވަޢުދާއެކު މިއަދު ހެނދުނުވެސް ޣައްޒާއަށް ޙަމަލާތަކެއް ދީ އެތައް މުސްލިމުންނެއް ވަނީ ޝަހީދު ކޮށްލާފައެވެ.
އިޒްރާއީލުން މިއަދު ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ 4 މުސްލިމުން ޝަހީދު ކޮށްލައި، އެތައް ބަޔަކު ވަނީ ޒަޚަމް ކޮށްލާފައެވެ. ހެނދުނުގެ ވަގުތުގައި ދިން މި ބާރުގަދަ ޙަމަލާތަކުގައި މީހުން ދިރިއުޅޭ 2 އިމާރާތަށް ވެސް ވަނީ ޙަމަލާދީ ބިމާއި ހަމަކޮށްލާފައެވެ. އިޒްރާއީލުގެ މި އުދުވާނީ ޙަމަލާތައް ޙަމާސްގެ ޗީފް ޔަޙްޔާ އައްސިންވާރުގެ ގެއަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އެ ޖަމާޢަތުގެ ޓީވީއިން ވަނީ ބުނެފައެވެ.
އިޒްރާއީލުން ފާއިތުވި 7 ދުވަހު ހުއްޓާނުލާ ޢައްޒާއަށް ބާރުގަދަ ޙަމަލާތައް ދެމުންދާއިރު، ރައްދުގައި ޙަމާސްއިން ވެސް ވަނީ ރޮކެޓު ޙަމަލާތަކެއް އިޒްރާއީލުގެ ވެރިރަށް ޓެލްއަވީވްއަށް ފޮނުވާލާފައެވެ. އަދި މި ޙަމަލާތަކުން ސަލާމަތް ވުމަށް އިޒްރާއީލު އަޝްކަރިއްޔާއިން މިހާރު ވަނީ ވައިގެ މަގުން ސަލާމަތް ބަލަހައްޓާ ސިސްޓަމް ’އަޔަން ޑޯމް‘ ވެސް އެކްޓިވޭޓް ކޮށް ބޭނުން ކުރަން ފަށާފައެވެ. ޙަމާސްގެ ރޮކެޓް ޙަމަލާއެއް އަތުވެދާނެ ކަމަށް އިންޒާރު ދިނުމަށް ޓެލްއަވީވްގައި ސައިރެން އެޅުވުމުން އިޒްރާއީލް ރައްޔިތުން ރައްކާތެރި ވުމަށް ބޮމް ޝެލްޓާސްއަށް ވަދެ ފިލައެވެ.
ޣައްޒާއަށް މިއަދު ހެނދުނު ޙަމަލާ ދީފައިވާއިރު އިއްޔެވެސް ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް އެތައް ޙަމަލާތަކެއް ދީފައެވެ. އެގޮތުނ ފަލަސްތީންގެ ރެފުޖީ ކޭމްޕަކަށް ދިން ވައިގެ ޙަމަލާގައި 8 ކުޑަކުދިންނާއެކު ޖުމްލަ 10 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އަލް ޖަޒީރާއާއި ފަލަސްތީން-އިޒްރާއީލްގެ ޚަބަރުތައް ގެނެސްދެމުން ދިޔަ އެތައް މީޑިއާތަކެއް ބޭނުން ކުރަމުންދިޔަ އިމާރާތަކަށް ވެސް ޙަމަލާދީ އެއްކޮށް ވަނީ ސުންނާފަތި ކޮށްލާފައެވެ.
އިއްޔެ ހަވީރު ޓީވީއަށް ދިން އިންޓަވިއުއެއްގައި ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓާނުލާނެ ކަމަށާއި، އަދިވެސް ޙަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އިޒްރާއީލުގެ ބޮޑުވަޒީރު ބުނެފައިވާއިރު، ޙަމާސްގެ ލީޑަރު އިސްމާއީލް ޙަނިޔާ ބުނެފައި ވަނީ އެމީހުންވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެއް ހަފްތާ ވަންދެން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 149 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި 41 ކުޑަކުދިން ހިމެނެއެވެ. އަދި 950 މީހުން ވަނީ ޒަޚަމް ވެފައެވެ.
ފަލަސްތީނުން ގިނަ އަދަދެއްގެ މީހުން ޝަހީދު ވެފައިވާއިރު ޙަމާސްގެ ހަމަލާތަކުން އިޒްރާއީލުގެ ބައެއް މީހުން ވަނީ މަރުވެފައެވެ. ޙަމާސްއިން އިޒްރާއީލުގެ އެކި ހިސާބުތަކަށް ފޮނުވާލި އެތައް ސަތޭކަ ރޮކެޓު ޙަމަލާތަކުގެ ސަބަބުން އިއްޔެއާއި ހަމައަށް 10 މީހުން މަރުވެފައިވާ ކަމަށް އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ޙަމަލާތަކުން ސަލާމަތް ވުމަށް އެމީހުންގެ ދިފާޢީ މިންގަނޑުތައް އިތުރު ކޮށްފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ފަލަސްތީނާއި އިޒްރާއީލާއި ދެމެދު ހޫނުވެފައިވާ މަސްރަޙާއި މެދު މަޝްވަރާ ކުރުމަށް ގުޅިފައިވާ ދައުލަތްތަކުގެ ސަލާމަތާއި ބެހޭ މަޖިލިސްގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



