އިޒްރާއީލުން ހަމަލާދީ ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލައިފި

އިސްރާއީލުގެ ފުލުހުންނާއި ފަލަސްތީނު މީހުންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި، އިސްރާއީލުން ރަބަރު ކޯޓެއް ލާފައިވާ ދަގަނޑު ވަޒަން ބޭނުންކޮށް، ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައި ވަނީ، އިރުމަތީ ޖެރުސަލިމްގެ އަވަށެއް ކަމަށްވާ ޝައިޚް ޖައްރާޙް އަވަށަށް ވެރިވެގަތުމަށް، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު، ފަލަސްތީނު މީހުންގެ ގެތަކަށް ގަދަކަމުން ވަދެ، އެމީހުންގެ ގެތަކުން ބޭރުކުރަމުން ގެންދާތީ އެކަމާއި ރުޅިވެރިކަން ފާހަގަ ކުރުމުގެގޮތުން، ފަލަސްތީނުގެ ބަޔަކު އިއްޔެ އަލް އަޤްސާ މިސްކިތަށް އެއްވުމުންނެވެ.

އިޝްތިހާރު full width ad 1200 x 150

މުސްލިމުންގެ އެންމެ މުޤައްދަސް 3 ޙަރަމުން އެއް ޙަރަމް ކަމުގައިވާ އަލް އަޤްސާ މިސްކިތުގައި ރޭ ފަލަސްތީނުގެ އެތައްހާސް ބަޔަކާއި އިޒްރާއީލުގެ ހަތިޔާރުއެޅި އެތައް ސަތޭކަ ފުލުހުންނާއި ދެމެދު ހިނގި މި ކުރިމަތިލުމުގައި، ފަލަސްތީނުގެ 205 މީހުންނާއި، އިޒްރާއީލު ފުލުހުންގެ 17 އޮފިސަރަކު ޒަޚަމް ވެފައިވާ ކަމަށް ފަލަސްތީނު ސިއްޙީ ހިދުމަތްތެރިންނާއި އިޒްރާއީލު ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ހަމަނުޖެހުން ފެށިފައި ވަނީ އެއްވުމުގެ ބައިވެރިން އަލް އަޤްސާ މިސްކިތުގައި މަޣްރިބް ނަމާދު ކުރަމުންދިޔަ ވަގުތު، ހަތިޔާރުއެޅި އިޒްރާއީލު ސިފައިން އެތަނަށް ވަދެ ހަމަލާދިނުމުންނެވެ. މި ހަމަނުޖެހުމުގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކުން، އެއްވުމުގެ ބައިވެރިން އިޒްރާއީލު ފުލުހުންނާއި ދިމާލަށް ގޮނޑިއާއި ބޫޓު، އަދި ގައު އުކާތަން ފެނެއެވެ. އަދި އިޒްރާއީލު ފުލުހުން އެމީހުންނަށް ބަޑިން ހަމަލާދޭ މަންޒަރުވެސް ފެނެއެވެ. ފުލުހުން ވަނީ އަލް އަޤްސާ މިސްކިތަށް ވަންނަ ދޮރުވެސް ބަންދު ކޮށްފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމްބިއުލަންސް ސާވިސްއިން ބުނެފައި ވަނީ، ޒަޚަމްވި މީހުންގެ ތެރެއިން އެކަކުގެ ލޯ ހަލާކުވެފައިވާ ކަމަށެވެ. އަދި ދެމީހެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، ދެމީހެއްގެ ކަތުރުކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށެވެ. ޒަޚަމްވި ގިނަ މީހުން ޒަޚަމްވެފައި ވަނީ ރަބަރ ކޯޓެއް ލާފައިވާ ވަޒަނާއި ސްޓަން ގްރެނޭޑްގެ އެތިކޮޅުތައް ޖެހިގެން ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ހަމަނުޖެހުން ހިނގައި ޙަމަލާ ބަދަލުކުރަން ފެށުމުން، މިސްކިތުގެ ކޮމްޕައުންޑް ތެރޭގައި ހަމަނުޖެހުން ނުއުފައްދައި، އެންމެންވެސް ހަމަހިމޭން ވުމަށާއި، ފުލުހުން މިސްކިތުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް ސްޓަން ގްރެނޭޑް ހަމަލާ ނުދިނުމަށް އަދި ޒުވާނުން ވެސް ފުލުހުންނަށް ޙަމަލާ ނުދިނުމަށް މިސްކިތުގެ ތާޅަފިލި މެދުވެރިކޮށް އޮފިޝަލަކު ވަނީ ގޮވާލާފައެވެ.

އިރުމަތީ ޖެރުސަލެމްގެ ޝައިޚް ޖައްރާހް އަވަށް އިޒްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް، އެއަވަށުގައި އިޒްރާއީލު މީހުން ފަލަސްތީނު މީހުންގެ ގެތަކަށް ގަދަކަމުން ވެރިވެގަނެ، އެމީހުންގެ ގެތަކުން ބޭރުކުރަމުންދާތީ، އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ރަމަޟާން މަހުގެ އެންމެ ފަހު ހުކުރުގެ ހުކުރު ނަމާދަށް އަލް އަޤްސާއަށް އެއްވި އެތައް ހާސް ބައެއްގެ ތެރެއިން ގިނަ ބަޔަކު ވަނީ ހުކުރު ނަމާދަށް ފަހު މި އެއްވުމުގައި ބައިވެރިވުމަށް މަޑުކޮށްފައެވެ.

ފަލަސްތީން މީހުންގެ ގެތަކުން އެމީހުން ބޭރުކުރަމުންދާތީ ޔޫރަޕު އިއްތިޙާދުންނާއި އުރުދުންއިން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، އެކުވެރި ދައުލަތާއި އެމެރިކާއިން ވަނީ ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ވެސް ގޮވާލާފައެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް ބުނެފައި ވަނީ، ޖެރުސަލެމްގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ޒިންމާ ނަގަން ޖެހޭނީ އިޒްރާއީލުން ކަމަށާއި، މިއީ އެމީހުންގެ ލާއިންސާނީ އަމަލުތަކުގެ ނަތީޖާ ކަމަށެވެ. އަދި އިޒްރާއީލުގެ އަމަލުތައް ހުއްޓުވައި، މިކަމާއި ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދި ވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން އެއްވުމުގެ ބައިވެރިން ދެއްކި ހިތްވަރަށް އައްބާސް ވަނީ ނުހަނު ތަޢުރީފުވެސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.