ރައީސް ޔާމީން މިރޭ ގެއަށް ބަދަލު ކޮށްފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ގެއަށް ބަދަލު ކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޮށްފައިވާ އެކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބުނީ ކ. މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ސަރުކާރުގެ ތެރޭގައި މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވާފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.