ދެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި
ދެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ނ. ހޮޅުދުއާއި އދ. މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެ ރަށަށް ދިޔަ ފެރީއަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި 25 އަހަރާއި 28 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސް ކޮށްފައިވާ އިރު، އެމީހުން އަތުން ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 77 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހޮޅުދޫގައި ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށާއި މާލެއިން އެރަށަށް ދިޔަ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.