ހެކި ނެތުމުން ފަޒީލްގެ މައްސަލަ ފުުހުން ފައިލް ކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރގެ މަގާމުގައި ހުރި އަޙުމަދު ފަޒީލްގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގާ ހެކި ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.
ޢުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައަކާއި އޮޅިގެން ކަމަށް ބުނެ އަންހެން ކުދިންނަށް ބަދުއަޚުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުންވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފަޒީލްގެ މައްޗަށް ކޮށްފައިވާ އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ މަޤާމުން ސަސްޕެންޑްކޮށްފަ އެވެ.
މިމައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެމައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
ފަޒީލްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ އެ ތުހުމަތުތައް އޭނާ ދޮގުކޮށްފައިވާ އިރު، އެމައްސަލަ ބަލައިނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމް..އާރު.އެމް) އިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
އެމްއާރުއެމުން ބުނެފައިވަނީ އެޕާޓީގެ މަޤާމެއްގައި ހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެމައްސަލަ އެޕާޓީންވެސް ބަލަމުންދާކަމަށެވެ.
އެމައްސަލަ ބަލާ ނިމެންދެން ޕާޓީގެ ހަރަކާތްތަކުންވެސް އޭނާ އެކަހެރި ކުރެވިފައިވާކަމަށް އެމްއާރުއެމްއިން ކުރިން ވަނީ ބުނެފަ އެވެ.