ވެކްސިން ކިޔު މަދުކުރުމަށް ކިޔުބީ މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދައިފި
ކޮވިޑް ވެކްސިން ކިޔު މަދުކުރުމަށް ކިޔުބީ މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދައިފި އެވެ.
މިގޮތަށް ހަމަޖެއްސީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ގިނަ ޢަދަދެއްގެ މީހުން، ގިނަ ވަގުތު ކިޔޫގައި ތިބެން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ނެވެ.
އެޗްޕީއޭ އިން ބުނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް، ކޮވިޑް19 ވެކްސިން ކިޔޫއަށް ނަންބަރު ނެގޭ ގޮތް ހަދާފައިވާ ކަމަށެވެ.
ކޮންމެ ރެޔަކު ވެސް 9:00 އިން ފެށިގެން، އެކި ވެކްސިން ސެންޓަރުތަކަށް ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެގޮތުން ސޯޝަލް ސެންޓަރު: 500 ނަންބަރު، އާޓް ގެލަރީ: 300 ނަންބަރު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު: 200 ނަންބަރު ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
“ އޮންލައިންކޮށް ނަންބަރު ދޫކުރި ނަމަވެސް، ވެކްސިން ސެންޓަރުތަކުން ވެސް ކިޔޫ ނަންބަރު ދޫކުރާނެ.“ އެޗްޕީއޭ އިން ބުންޏެވެ.
އެޕްސްޓޯ އަދި ޕްލޭސްޓޯ އިން ކިއުބީ ޑައުންލޯޑު ކުރެވޭ އިރު، ކިޔޫ ސްޓޭޓަސް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އެވެ.
ރޯދަ މަހު ވެކްސިން ޖަހައިދޭން އެންމެފުރަތަމަ ފެށީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 21:00 އިން 23:00 އަށެވެ. ނަމަވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް އޮންނާތީ 23:45 ވަންދެން ވެކްސިން ޖަހައިދޭން ވަނީ ފަށައިފަ އެވެ.