ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު މިއަދު ދޭން ފަށަނީ
ސިނޯފާމް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފި އެވެ.
އެ އިދާރާ އިން ބުނީ ދެވަނަ ޑޯޒު ދޭނީ މިދިޔަ މާރޗު މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާނީ ގްރޭޓަރ މާލޭ ސަރަޙައްދުގައިކަމަށެވެ.
ސިނޯފާމް ވެކްސިން ޖަހާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
”މަޖިލިސް އިދާރާއިން ރޭގަނޑު 9 އިން 11:30 އަށް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭގަނޑު 8:30 އިން 11 ޖެހުމާއި ހަމައަށް ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނެ. އަދި ރޯދަނޫން ފަރާތްތަކަށް ހެނދުނު 10 އިން މެންދުރު 12 އަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނެ.“ އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް 3 ވެކްސިނެއް ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފަ އެވެ.
އޭގެތެރެއިން ސިނޯފާމް ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ މިދިޔަ މާރޗު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ސިނޯފާމް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މާރޗު މަހުގެ 22 ވަނަ ދުވަހު އެވެ.