“ނިއު ނޯމަލް”އަށް އަންނައިރު…

ދުނިޔޭގެ ޙަޔާތް އަވަދިނެތި ހޭދަކުރަމުންދިޔައިރު، ދުނިޔެ ހުއްޓިދާނެއެކޭ، މީގެ ކުރިން ދުވަހަކުވެސް މީހަކު ހިއެއް ނުކުރާނެއެވެ. އޭގެ އެއްދުވަސްވަނީ އަނެއްދުވަހާ ގުޅި ލާމެހިފައެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިޔަށް ކަންކަންރާވާ، ޕްލޭންތައްވަނީ ހެދިފައެވެ. ކޮންމެ ދުވަހަކު ކުރާނެ، ކަންތަކާ، ނުކޮށް ދޫކޮށްލަންޖެހޭ ކަންކަން ލިޔެވިފައިވާއިރު، ކިތަންމެ ބޭނުންވިޔަސް ނުކުރެވޭނެ ކަންތަކާ، ހިތް ނުރުހުނަށް ކުރަންޖެހޭކަންކަން ދުވަހުގެ ތާވަލަށް ވަނީ ވަދެ މޫލާފައެވެ. ހެނދުނު ހޭލަން ޖެހޭގަޑިއެއް އޮންނަކަން އެންމެންވެސް ޤަބޫލު ކުރެއެވެ. އަދި ހޭލަން ނުޖެހޭ ދުވަހަކީ ކޮބައިކަންވެސް އެންމެން ދަނެއެވެ. ހަފްތާ ބަންދު ދުވަހެއްގައި ފަތިސް ނަމާދަށް މީހަކު ގޮވިކަމުގައިވިޔަސް، އެމީހަކު ދެކެ ބައެއް ފަހަރު އާދެވެނީ ރުޅިއެވެ. އަދި ގިނަފަހަރު ގޯސްވަނީ ގޮވިމީހާއެވެ.

ދުވަހުގެ ތާވަލާ، ހަފްތާގެ ތާވަލު ކީއްކުރަންތޯ، މުޅި މަސްދުވަހަށް ވާވަރަށް ތިމާ ދިރި އުޅޭނެ ގޮތް ތިމާއާ، ތިމާގެ ވަށައިގެންވާ އެންމެނަށް އެނގެއެވެ. އެހެންކަމުން މިކަންކަން ކުރުމަށް ދުނިޔެ ނުހުއްޓި އޮންނަށް ޖެހެއެވެ. މި ވިސްނުމުގައި ހުރެވޭ އެއްވެސްމީހަކު ދުނިޔެ ހުއްޓި ދާނެކަމަކަށް ޤަބޫލެއް ނުކުރާނެއެވެ. އެހެނަސް ދުނިޔޭގެ ނިޒާމު ރާއްވަވާ ހިންގަވާ ރައްބުލް ކާއިނާތުގެ އޯގާވެރިކަމަކީ އެއަށްވުރެ މާ ތަނަވަސް މާ ޙިކްމަތްތެރި ކަމެކެވެ. “މަޖުބޫރީ ޙާލަތު” ކަމަށްހީވެ އިންސާނުން އަވަދިނެތިވެ އެއީލާހު ހަނދުމަ ކުރުމުން އެއްކިބާވާ ކޮންމެފަހަރަކު، މީސްތަކުންނަށް ހަނދާން އާކޮށްދީ އެބައިމީހުން ދުނިޔެއަށް ފޮނުވިފައިވާ މަޤްޞަދު ބަޔާންކޮށްދެއްވައެވެ. އެގޮތުން ގުރުދަތީ އެކިއެކި ރިސާލަތު ފޮނުވައިގެން ޣާފިލުކަމުން އިންސާނާ ހޭލުއްވާލައެވެ. މިއަދު ދުނިޔެ މިވަނީ އެފަދަ ޤުދުރަތީ ކާރިޘާއެއްގައި ހުއްޓިފައެވެ. މާދަމާ ކުރަންއޮތީ ކޮންކަމެއްކަން ތިބާއަށް އެނގުނު ކަމުގައިވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތްކަން އަޅުގަނޑާ، ތިބާއާއި، އަދި ދެންތިބި އިންސާނުންވެސް މިއަދު އެބަ ޤަބޫލުކުރެއެވެ.

އިޝްތިހާރު Below Header ad

ދުނިޔެއަށް އައިސްފައިވާ ހުއްޓުން ނިމުމަކަށްގެނެސް އަލުން ދުނިޔޭގައި އިންސާނުންކުރަންޖެހޭ ތައުމީރުގެ މަސައްކަތް ފެއްޓުމަށް މިއަދު އިންސާނުންވަނީ އަތުގުޅާލާފައެވެ. އެއްބަޔަކު އަނެއްބަޔަކަށް ހިތްވަރުދީ އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރެވޭތޯ ބައިބައިވެފައިވާ ޤައުމުތައްވެސް މިއަންނަނީ އެކުވަމުންނެވެ. މަޑު ދުވެއްޔެއްގައި ދުވަހުގެ ބުރު ފުރިހަމަ ކޮށްލެވޭތޯ ކަންމެ މީހަކު އަންނަނީ ބަލަމުންނެވެ. ކުރެވޭ ވަރަކުން ކަންކަންކޮށް ނުކުރެވޭ ކަމެއްނަމަ އައު ތަޖުރިބާއަކަށް އެކަން ބޭނުންވެއްޖެކަމަށް ޤަބޫލުކޮށް އެނޫންގޮތަކަށް އެކަން ކުރަން ފަށަނީއެވެ.

ދުނިޔެއަށް ކުއްލި ސިހުމެއްގެނުވި ކޮރޮނާއަކީ ދޭދޭ ފަރުދުންނާއި ގާތްވުން ދުރުކުރުވި، ބަލިމަޑުކަމެކެވެ. މީސްތަކުން ގެތަކަށް މަޙްދޫދު ކުރުވި ވައިރަހެކެވެ. ތަޙުލީލީ އިދާރާތަކަށް އަދިވެސް ކޮރޯނާގެ ޙަޤީޤަތް އެނގިފައިނުވިނަމަވެސް ދުނިޔެ ހުއްޓާފައި ނުބޭއްވޭނެކަމަށް އިންސާނުންނަށް ފެންނާތީ، ބޭރައް ނިކުމެ އުޅުމާ، ދޭދޭ ފަރުދުންނާ ބައްދަލުވެ އުޅުން މަޑުމަޑުން މިއަންނަނީ އިތުރު ވަމުންނެވެ. “ނިއު ނޯމަލް”ގެ ނަމުގައި އާޙަޔާތަކަށް މުޅި ދުނިޔެ ކުރިމަތިލާއިރު މުސްލިމުންގެ ޙައިޞިއްޔަތުން އަޅުގަނޑުމެން ހިތުގައި ބަހައްޓަންވީ ވަރަށް މުޙިއްމު ކަމެއް އެބައޮތެވެ. އެއީ ހުރިހާ ބާރެއްގެ ވެރި އިލާހަކީ ﷲ ކަމެވެ. އެއީ އުފަލާ ހިތްހަމަޖެހުން ދެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. އިންސާނާއަށް ރިޒްޤު ދެއްވާ އެނޫންވެސް ގިނަގުނަ ނިޢުމަތް ދެއްވީ އެއިލާހެވެ. އެހެންކަމުން އާ ފެށުމަކުން ފަށައިގަންނައިރު، ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވާބަޔަކު ކަމުގައި ވާންވާނެވެ.

މީގެ ކުރިން އަޅުގަނޑުމެން ތިބީ ކޮންފަދަ ހެޔޮ ޙާލަތެއްގައިތޯއެވެ؟ ނިޢުމަތަކީ ޢަބަދު އެއްގޮތަކަށް ދެމި އޮންނަ އެއްޗެއްނޫނެވެ. އެއަށް ޝުކުރުވެރި ވެއްޖެނަމަ، އިތުރުވެއެވެ. އަދި ކުފުރުވެރި ވެއްޖެނަމަ، ދަންނާށެވެ. ނިޢުމަތާމެދު ގޮތް ނިންމެވުން އޮތީ އޭގެ ވެރި އިލާހަށެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (إبراهيم: 7). އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.