ފަޅޮލަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ވަރަށް އާންމު މޭވާގެ ބާތެކެވެ. ރާއްޖޭގައިވެސް ހެދޭ އަނގަޔަށް މީރު މިމޭވާ އަކީ ހަށިގަނޑަށް އެތަކެއް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.
އެގޮތުން ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކެއް ފަޅޮލުގައި އެކުލެވިގެންވެއެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ފަޅޮލަކީ އޭގެން ތަފާތު ކާނާވެސް ތައްޔާރުކުރެވޭ މޭވާއެކެވެ
އެގޮތުން އާންމުކޮށް ދޮން ފަޅޯ ކައިއުޅެނީ ފާކޮށްގެންނެވެ. ފަޅޮލަކީ ބައެއް ފަހަރު ފަނިގިރައިގެންވެސް ބޭނުންކޮށް އުޅޭ މޭވާއެކެވެ. ފާފަޅޯ ބޭނުންކޮށްގެން ފަނިގިރައިގެން ބޭނުންކުރާއިރު ދޮންނުވާ ފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ވެސް ތައްޔާރު ކުރެއެވެ. މީގެއިތުރުން ތަފާތު ސަލަޑް ތަކުގައި ވެސް ދޮންނުވާ ފަޅޯ ބޭނުންކުރެއެވެ.
ފަޅޮލުން ލިބޭ ބައެއް ޞިއްޙީ ފައިދާތަކަށް ބަލާއިރު ފަޅޮލަކީ ހިތުގެ ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ މުހިއްމު 4 ވިޓަމިނެއް އެކުލެވޭ މޭވާއެކެވެ. ފަޅޮލުގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އެކުލެވެއެވެ. އެހެން ކަމުން ފަޅޯ ބޭނުންކުރުމުން ކޮލެސްޓެރޯލް މިންވަރު ދަށްކޮށްދެއެވެ.
މީގެއިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަކޮށްދެއެވެ. އެހެން ކަމުން އަރިދަފުސް ރޯގާފަދަ ބަލިތަކުން ސަލާމަތް ކޮށްދިނުމަށް ފަޅޯ އެހީތެރިވެދެއެވެ. މީގެއިތުރުން ފަޅޮލަކީ ކާތަކެތި ހަޖަމުކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ.
މީގެ އިތުރުން ފަޅޯ ޖޫސް ނުވަތަ ފަޅޯފަންޏަކީ ގޮހޮރުގެ އިންފެކްޝަންތަކުން ދުރުކޮށްދޭ އެއްޗެކެވެ. މީގެއިތުރުން މޭނުބައިކުރުން ކުޑަކުރުމުގައިވެސް ފަޅޯ އެހީތެރިވެދެއެވެ. މީގެއިތުރުން ފަޅޮލަކީ ހަމުގެ ބަލިތަކަށްވެސް ފަރުވާއެކެވެ. އަދި ފަޅޮލުގައި އެކުލެވޭ ބާރުގަދަ 3 އެންޓި އޮކްސިޑެންޓް ގެ ސަބަބުން ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދިފާއީ ނިޒާމުގައި ވަރުގަދަކޮށްދެއެވެ.އަދި ކެންސަރުތަކުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދެއެވެ.
ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައިވެސް ފަޅޯގެ ދައުރު ބޮޑެވެ. ފަޅޮލުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ކުދިކުދި ހިމަ ލޭހޮޅިތަކުގެ ބާރުގަދަކޮށްދީ ލޯފުސްވުން ކުރިމަތިވުން ދުރުކޮށް ދެއެވެ.
ފަޅޮލަކީ ކުޑަކުދިން ދުޅަހެޔޮސިއްޚަތެއްގައި ހެދިބޮޑުވުމަށްވެސް ނުހަނު ބޭނުންތެރި މޭވާގެ ބާވަތެކެވެ.
ފަޅޯ ގިނަގިނައިން ބޭނުންކުރުމަކީ ބުއްދިވެރި ކަމެއްކަމުގައި ދެކެމެވެ.
ފަޅޯ ފަތަކީވެސް ދިވެހިންގެ ތެރޭ ޒަމާނުއްސުރެ ބޭސްވެރިކަމަށް ބޭނުންކުރާ އެއްޗެކެވެ. އަންހެނުން ވިހެއުމާއި ގުޅިގެނާ އަދި ގައިގައި ރިއްސާ ރިއްސުން ރަނގަޅުކުރުމަށް ފެނުކައްކައިގެން ގައި މޮޑެ ހަދާ އެއްޗެކެވެ.