ސިހުރަށް ރުޤްޔާ ކޮށްކޮށް ވެސް ރަނގަޅު ނުވަނީ ޙަސަދައިގެ ޝައިޠާނެއްގެ ސަބަބުން ކަމަށް ވެދާނެ! ފަރުވާ ކުރާނީ ކިހިނެއް؟
ވާނުވާ ނޭނގި އެތައް ބަލިތަކެއްގެ ތެރޭގައި، ގޮތް ނޭނގޭ ހާޖާނުގަނޑެއްގެ ތެރޭގައި އެތައް ބަޔަކު ދަނީ ވޭންތައް ތަޙައްމަލު ކުރަމުންނެވެ. ބޭސްފަރުވާ ކޮށް ލުއި ނުލިބި، އެތައް ދުވަސްތަކެއް ވަންދެން އެކި ކަރަކަރައަށްގޮސް އަތްމަތި ހުސްވެފައިވަނީ އެތައް ބައެކެވެ. މިޙާލުގައި ގަނަ ތެޅެނިކޮށް، ތިޔައީ ރޫޙާނީ ކަމަކަށް ވެދާނެއޭ، އަޅެ ރުޤްޔާ ކުރަންވީނުންހޭ މީހަކު ބުނާއިރު އޮންނަނީ، މުސީބާތުން އަރައިގަތުމާއިމެދު މާޔޫސްވެ ގޮތް ހުސްވެފައެވެ. އެހިސާބުން ގޮތްބަލާލަން ރުޤްޔާ ކުރާ މީހެއްގެ އެހީ ހޯދާއިރު ކިޔަވާލާ ފުރަތަމަ ކިޔަވެލީންވެސް އޮންނަނީ މީހާ ތަންދޮރު ކުޑަވާވަރު ވެފައެވެ. އެސްފީނާއާއި ސިހުރުގެ އުނދަގުލެވެ. މިއޮތްހާ ދުވަހު ހަށިގަނޑުގެތެރޭ ރަސްކަން ކުރަމުން، ހަށިގަނޑު ބަލިކޮށް ސުންނާފަތި ކުރަމުން ދިޔައީ ނުބައި ސިހުރުވެރިއެއްގެ ސަބަބުން ވެރިވި ނުލަފާ މާރިދެއްކަން އެނގެނީ މިހިސާބުންނެވެ.
ސިހުރަށް ނުވަތަ ޖެހިފައި ހުރި ރޫޙާނީ ބައްޔަށް ފަރުވާ ނުކޮށް ދުވަސްތައް ވުމުގެ ސަބަބުން، ގިނަފަހަރަށް ޖިސްމާނީ ބަލިމަޑުކަންވެސް ހުންނަނީ ކުރިމަތިވެފައެވެ. ނުވަތަ ބޭސް ފަރުވާއިން ކުރިއެރުން ނުލިބިގެން އުޅޭ ބަލިތަކުގެ އަސްލު ސަބަބަކަށް ވެފައި އޮންނަނީ އެސްފީނާ ނުވަތަ ސިހުރު ނުވަތަ ޖިންނިއެއްގެ އުނދަގުލެވެ. މިފަދަ ގިނަ ޙާލަތްތަކުގައި ރުޤްޔާއިން ފަރުވާ ކުރި ނަމަވެސް ބަލީގައި ގިނަ ދުވަސްތަކެއް ވޭތުކުރަން ޖެހެއެވެ. އެތައް ޒަމާނެއް ވެފައި ހުންނަ ސިހުރުގެ މޫގަނޑުން ކުރިލައި ހެދި އޭގެ އެތައް ގޮތްޕެއް ފަޅާފައި ހުރެއެވެ. ބައެއް ސިހުރު ޢާއިލާއަށް ދެމިގެން އައިސްފައި ހުރެއެވެ. މިފަދަ އެތައް ސަބަބަކާއި ހުރެ ރުޤްޔާ ކުރާތާ އެތައް ދުވަހެއް ވާއިރުވެސް ބަލި ދިގުލައިގެން ގޮސް، ރަނގަޅު ނުވެ ހުރެއެވެ.
ރުޤްޔާ ކުރުމުގައި މިހާރު އެތައް ބަޔަކު އުޅޭއިރު މިކަމުގައި ރަނގަޅަށް ވާނުވާ ނުދަނެ ތިބެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. އަދި ވާނުވާ އެނގޭ މީހުނަށްވެސް ވަރަށް ގިނަ ފަހަރު، ބަލި ދިގުލައިގެންދާ އަސްލު ސަބަބު ތަކާއި، އަސްލު މައްސަލަ ހޯދައިގަންނަން ވަރަށް އުނދަގޫ ޙާލަތްތައް މެދުވެރިވެއެވެ. މިގޮތުން އެއްކަމަކީ، ގިނަ ފަހަރަށް ބަލިމީހާއަށް ޖެހިފައި ހުންނަނީ ސިހުރު ކަމުގައި ބެލެވިގެން، އެތައް ދުވަހަކު ސިހުރަށް ފަރުވާ ކުރާއިރު، ޙަޤީޤަތުގައި ޙަސަދައާއި އެސްފީނާ ޖެހިފައި ހުންނަލެއް މާބޮޑެވެ. ނުވަތަ ސިހުރު ކަމަށް ހީކުރާ ވަރަށް ގިނަ ފަހަރު ހުންނަނީ އެސްފީނާ ނުވަތަ ހިތާވެގެން އަންނަ ޖިންނީންގެ އުނދަގުލެވެ. މިފަދަ ޙާލަތްތަކުގައި ސިހުރަށް ފަރުވާ ކުރިނަމަވެސް ކުރިއެރުމެއް ނުލިބި ޖިންނީގެ ދުއްތުރާތައް ބޮޑުވެގެން ދެއެވެ.
މިދެންނެވި ކަންކަމަށްވުރެ އުނދަގޫ ބޮޑު ޙާލަތަކީ، ޙަސަދައިގެ ޝައިޠާނާ ވެރިވެގަންނަ ޙާލަތުގައި ދެނެގަންނަން އުނދަގޫ ވުމެވެ. އަދި ވަރަށް ގިނަ މީހުނަށް މިކަމުގެ ޙަޤީޤަތާއި ވާނުވާ ނޭނގެއެވެ. މިފަދަ ޙާލަތުގައި ދެނެގަންނަން އެންމެ އުނދަގޫ އެއް ސަބަބަކީ، މިފަދަ ޙާލަތުގައި އަންނަ ޖިންނީންނަކީވެސް ގިނަ ފަހަރަށް ސިހުރު ހަދާ ޖިންނީންނެވެ. އެޝައިޠާނުން ބަލިމީހާއަށް އިތުރަށް ސިހުރު ހަދައެވެ. އަދި އަސްލު ސަބަބު އެނގުނަނުދީ ސިހުރަށް ފަރުވާ ކުރުވުމުގައި ދިގު ދެންމުމަށްވެސް މިޝައިޠާނުން ސިހުރު ހަދާކަމުގައި ވެއެވެ. އަދި ވަރަށް ގިނަ ފަހަރަށް މިގޮތަށް ވެރިވާ ޝައިޠާނުން ބަލިމީހާއާއި ހިތާވެއެވެ. އަސްލު މި ޝައިޠާނާ ވެރިވަނީ ޙަސަދަވެރިއެއްގެ އެސްފީނާއާއި އެކުއެވެ. ނުވަތަ ސިހުރު ފަދަ ކަމަކުން އައިސް މިފަދަ ޝައިޠާނުން ބަލިމީހާއާއި ޙަސަދަލާ، އެސޙްފީނާ އަޅައެވެ. މިފަދަ ޙާލަތްތަކުގައި، އެސްފީނާއަށް، ނުވަތަ ސިހުރަށް ނުވަތަ މައްސަށް ކިޔެވި ނަމަވެސް ބަލިމީހާއަށް އުނދަގޫވެއެވެ. އެހެން ކަމުން ބަލީގެ އަސްލު ސަބަބު ދެނެގަތުމަށް، ނުވަތަ ފަރުވާ ކުރަންވީ އަސްލު ކަންތައް ދެނެގަންނާން ރުޤްޔާ ކުރާ މީހާއަށް އުނދަގޫ ވެއެވެ.
ޙަސަދައިގެ ޝައިޠާނާ އާއި ބެހޭގޮތުން ޙަދީޘެއް ވާރިދުވެފައި ވެއެވެ. އެއީ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ އަރިހުން ރިވާވެގެންވާ ޙަދީޘެކެވެ. قال رسول الله صلى الله عليه وسلم: العين حق ويحضر بها الشيطان، وحسد ابن آدم . (رواه أحمد)
މާނައީ: ”އެސްފީނާއަކީ ޙަޤީޤަތެކެވެ (އެބަހީ، އެއީ ޖެހޭ އެއްޗެކެވެ). އަދި އެއާއި އެކު ޝައިޠާނާ ޙާޟިރުވެއެވެ. އަދި އާދަމުގެ ދަރިޔާގެ ޙަސަދައާއި އެކުގައިވެސްމެއެވެ.“
މިޙަދީޘް ބައެއް ޢިލްމުވެރީން ޟަޢީފުކަމުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް މިޙަދީޘުގެ މާނަ ޞައްޙައެއެވެ. އަދި ހަމަ އެފަދައިން އެސްފީނާގެ ސަބަބުން ޖިންނި ހާޒިރުވުމަކީ ރުޤްޔާގައި ވަރަށް ގިނައިން ތަޖުރިބާވެފައިވާ، ދެނެގަނެވިފައިވާ މަޝްހޫރު ކަމެކެވެ. އެސްފީނާ ޙަސަދައިގެ ސަބަބުން ޝައިޠާނާ އައުމާއި ބެހޭ ގޮތުން އިބްނުން ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
”އަދި ޝައިޠާނާ ޙަސަދަވެރީންނާއި ސިހުރުވެރީންނާއި އެކު އުޅެއެވެ. އަދި އެބައިމީހުނާއި ވާހަކަދައްކައި އެކުވެރިވެ އުޅެއެވެ. އެހެންނަމަވެސް، ޙަސަދަވެރިޔާއަށް ޝައިޠާނާ ވާގިވެރިވަނީ، އެޙަސަދަވެރިޔާ ޝައިޠާނާގެ މަދަދަށް އެދިގެނެއް ނޫނެވެ. އެހެނީ، ޙަސަދަވެރިޔާއަކީ އިބްލީހާއި އެއްގޮތް ނުވަތަ ވައްތަރު މީހެކެވެ. އަދި ޙަޤީޤަތުގައި، ޙަސަދަވެރިޔާއަކީ އިބްލީހަށް ތަބާވެފައިވާ މީހެކެވެ. އެއީ ޝައިޠާނާ ލޯބިވާ ކަންތައް ކަމުގައިވާ، މީސްތަކުންގެ ދިރިއުޅުން ފަސާދަވުމާއި، އެބައިމީހުންގެ ކިބައިގައިވާ ނިޢުމަތްތައއް ނެތިގެން ދިއުމަށް އެޙަސަދަވެރިޔާވެސް ލޯބިކުރާތީއެވެ.“ (بدائع الفوائد)
ޙަސަދައިގެ ޝައިޠާނުން ވެރިވުމުން ފެންނަ ބައެއް ޢާއްމު ޢަލާމާތްތަކަކީ:
- ސިހުރު ނުވަތަ އެސްފީނާ، ނުވަތަ މައްސުގެ ޙާލަތުގައި ހުރި ބަލިމީހާގެ ބައްޔަށް ފަރުވާ ކުރި ނަމަވެސް މާބޮޑަށް ކާމިޔާބީ ނުލިބުން. އަދި ބަލި ލުއި ވެލާފައި އަލުން އިހު ހުރިވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް އުނދަގޫވާން ފެށުން.
- އާދަޔާ ޚިލާފަށް ހިތުގެ ހިނގުން ބައެއް ގަޑިތަކުގައި އިތުރުވެ ހިތް އަވަސްވެ ވިންދު އަވަސްވުން.
- ކުޑަނަމަވެސް މަސައްކަތެއް ކޮށްލާއިރަށް އާދަޔާ ޚިލާފަށް ވަރުބަލިވުން
- މަރުވާން އުޅޭކަމުގެ އިޙްސާސް އަބަދު ކުރެވުން. ނުވަތަ މި މަރުވަނީއޭ، މިވެނި ގޮތެއް ވެފައި މަރުވާނެއޭ ގިނައިން ހިތަށް އައުން
- އާދަޔާ ޚިލާފަށް ބިރުގަނެފައި ހުރުން. ކިތައްމެ ކުޑަ ކަމެއް ވީނަމަވެސް ވަރަށް ބޮޑަށް ބިރުގަނެ ބޯ ހާސްވުން
- އާދަޔާ ޚިލާފަށް މޭފިތި ނޭވާ ލާން އުނދަގޫވެ ހާސްވެފައި ހުރުން.
- ނަފްސާނީ އަދި ޖިސްމާނީ ބަލިތައް އަވަސްއަވަހަށް ޖެހި އާދަޔާ ޚިލާފަށް ބަލި ގިނަވުން
- ބަލިމީހާގެ ގާތް މީހުނާ ސަބަބެއް ނެތި ގިނަގިނައިން މައްސަލަ ޖެހުން
- އެހެން މީހަކު ފަރުވާ ކޮށްދޭނަމަ، ފަރުވާ ކުރާ މީހާ ބުނާ ކަންކަމާއި ދެކޮޅު ހަދައި، އެމީހަކާއި ދެކޮޅުވެރިވެ، ފަރުވާގެ ކަންކަން ނުކުރާން ގަދަ ދެއްކުމުގެ އިޙްސާސް ވެރިވުން.
- ވަސްވާސް އައުމުގައި ހައްދުފަހަނަ އެޅުން. އަބަދު ނުބައި ވަސްވާސްތަކާއި ޝައްކުތައް ވެރިވުން
އަދި މިނޫންވެސް އެތައް ޢަލާމާތްތަކާއި، އެފަދަ ޝައިޠާނުންގެ އެކި ސިފަތައް ވެއެވެ. މިތަނުގައި މިހިމަނާލީ ޚުލާސާ މަޢުލޫމާތުކޮޅެކެވެ.
ޙަސަދައިގެ ޝައިޠާނުން ވެރިވުމުން ދެނެގަނެވެނީ، ފަރުވާ ކުރުމުގެ މަރުޙަލާތަކުގައި ކުރިއެރުން ނުލިބި، ލުއިކަން ލިބި އަނެއްކާ އެއަށްވުރެ ބޮޑަށް އުނދަގޫ ވުން ފަދަ ޢަލާމާތްތައް ފެނުމާއެކު، ޙަސަދައިގެ ޝައިޠާނާ ވެރިވުމުގެ ޢަލާމާތްތައް ބަލިމީހާގެ ކިބައިން ފެނުމާއި، ހަށިގަނޑަށް ހާޒިރުވާ ޖިންނީގެ ފުށުން އެފަދަ ޝައިޠާނެއެް ކަމުގެ ސިފަތައް ފާޅުވުމުންނެވެ. ނުވަތަ ރުޤްޔާ ކުރާއިރު، އެފަދަ ޝައިޠާނާ ފަޟީޙަތްކޮށް ފާޅު ކުރުމަށް ކިޔެވުމުން ދެނެގަންނަން ފަސޭހަވެއެވެ. އަދި أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَيْطَانِ الْحَسَدِ (މާތް ﷲގެ ފުރިހަމަ ވެގެންވާ ކަލިމަފުޅުތަކުން، އަހުރެން ޙަސަދައިގެ ޝައިޠާނާގެ ކިބައިން، މާތް ﷲގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދެމެވެ.) މިފަދަ، ސީދާ ޙަސަދައިގެ ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރެއްވުމުގެ ވާހަކަ، ނުވަތަ ޙަސަދައިގެ ޝައިޠާނާ ބަލި ކުރުމުގެ ވާހަކަ އެކަނި ހިމެނޭ ޢިބާރާތެއް ނުވަތަ ދުޢާއެއް ތަކުރާރު ކުރަން ފެށުމުން، މިޝައިޠާނުންނަށް އުނދަގޫވެ ފާޅުވާކަން ފާހަގަ ވެއެވެ.
މިފަދަ ޝައިޠާނުން ވެރިވުމުން ފަރުވާ ކުރުމުގައި އެންމެ މުހިއްމީ ބަލިމީހާގެ ޢަޒުމާއި، ކެތްތެރިކަމާއި، ހިތްވަރު ކުރުމެވެ. އެހެނީ ޙަސަދައިގެ ޝައިޠާނާއަށްވުރެ، ބަލިމީހާގެ ޢަޒުމް ވަރުގަދަކޮށް، އެސޮރުގެ ދުއްތުރާތަކަށް ކެތްތެރިވެ، އެސޮރުގެ މައްޗަށް ﷲގެ ވާގިފުޅާއެކު ގަދަވެ ގަތުމުގެ ޢަޒުމުގައި، އެެހެން މީހަކަށް ބަރޯސާ ނުވެ، މާތް ﷲ އަށް ވަކީލުކޮށް، އެއިލާހުގެ ޛިކުރުމަތީ ދެމިހުރެ، ޤުރުއާނުން ފަރުވާކޮށް، ގަދައަޅައި މަސައްކަތް ކުރުމުން އެފަދަ ޝައިޠާނުން ބަލިކަށިވެ، އެސޮރުގެ ޢަޒުމް ފުނޑުފުނޑުވެ، އެންމެ ފަހުން އޮސޮރު ފިލައި ރައްކާވެދާނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، މީހަކު ލައްވައި ރުޤްޔާ ކުރި ނަމަވެސް، މިދެންނެވުނު ފަދައިން ބަލިމީހާ ޢަމަލު ނުކުރާނަމަ، ޚާއްސަކޮށް، ފިރިހެނުން ޖަމާޢަތުގެ ނަމާދު ދޫކުރާނަމަ، އަދި ބަލިމީހާ އަމިއްލައަށް ޛިކުރުކުރުމާއި ޤުރުއާން ކިޔެވުން ގިނަ ނުކުރާނަމަ، އެމީހާ ކޮށްދޭ ރުޤްޔާއިން މާބޮޑު ކުރިއެރުމެއް ނާދެއެވެ. މިފަދަ ޙާލަތުގައި އެންމެ ކާމިޔާބު އެއް ފަރުވާ އަކީ ބަލިމީހާ އަމިއްލައަށް ގިނައިން ބަޤަރާ ސޫރަތް ކިޔެވުމެވެ. މިގޮތުން ދުވާލު ދެއިރު ބަޤަރާ ސޫރަތް ކިޔެވުމެވެ. އަދި ޔާސީން ސޫރަތް ގިނައިން ކިޔެވުމެވެ. އަދި މިފަދަ ޙާލަތް ދިމާވި ވަރަށް ގިނަ މީހުނަށް އެންމެ އަވަހަށް މިންޖު ވެފައިވާ ކަމުގައި ތަޖުރިބާ ވެފައިވާ އެއްކަމަކީ،2 ދުވަސް ނުވަތ ތިން ދުވަސް ތެރޭގައި ޤުރުއާން ޚަތިމު ކުރުމެވެ. އަދި މިގޮތަށް ކިޔަވާ އިރު ޝިފާއަށް އެދި ރުޤްޔާ ކުރުމުގެ ނިޔަތުގައި ކިޔެވުމެވެ. މިނޫންވެސް އިތުރު ފަރުވާތަކާއި ރުޤްޔާތައް މިކަމުގައިވެސް ކުރެވެއެވެ.
ރުޤްޔާއިން ފަރުވާ ކުރުން ހުއްދަވުމުގެ އެންމެ މުހިއްމު އެއް ޝަރުޠަކީ، އެއީ އޭގެ ޒާތުގައި ޝިފާދޭ އެއްޗެއް ނޫންކަމާއި، އެއީ ސަބަބެއް ކަމާއި، ޝިފާ ދެއްވަނީ ހަމައެކަނި މާތް ﷲ ކަމާއި، އެއީ ރުޤްޔާ ކުރާ މީހާގެ ބާރުން ނުވަތަ މޮޅުކަމުން ޝިފާ ލިބޭ އެއްޗެއް ނޫންކަން ޤަބޫލު ކުރުމާއި އެކު ރުޤްޔާ ކުރުމެވެ. އެހެންކަމުން އަމިއްލައަށް މިފަދަ ކަންކަމުން ސަލާމަތްވާނެ މަގު ދަސްކޮށް، ކޮންމެހެން އެނގުން މުހިއްމު މިންވަރު ދަސްކޮށްފައި ހުރުމަކީ، ކަމެއްވެލާއިރަށް ރުޤްޔާ ކުރަން މީހަކު ކައިރިއަށް ދިއުމުގެ ބަދަލުގައި އެކަމަކުން ސަލާމަތްވާން އަމިއްލައަށް މަސައްކަތް ކުރުމަށް ނުހަނު މުހިއްމު ކަމެކެވެ.
ވަރަށްވެސް ފުރިހަމަ އާޓިކަލެއް! ޑޮކްޓަރެއް ހުއްޓަސް ފަރުވާ ލިބިގަންނަ މީހާ ބަލިން ސަލާމަތްވުމަށް އަމިއްލަ އަށް ކުރެވެން ހުންނަ ކަން ކަން ނުކޮށް ޑޮކްޓަރު ކަމުނުދަނީއޭ ކިޔުން ރަނގަޅެއްނޫން! ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ގެ އިރާދަފުޅާއެކު ކަން ހަނދާންކުރަންޖެހޭ!