ޚަބަރު ފީތާ

އޮކްޓޯބަރު – ޑައުން ސިންޑްރޯމް މަސް

ޑައުންސިންޑްރޯމަކީ އުފެދުމުގައި ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު އެއް ބައްޔެވެ. މިސަބަބަށް ޓަކައި ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހަކީ ޑައުންސިންޑްރޯމްއާއި ބެހޭގޮތުން ހޭލުންތެރި ކުރުވައި، އެބަލި ހުންނަ މީހުންނަކީ މުޖުތަމަޢުގައި އާންމު ފަރުދުންނެކޭ އެއްފަދައިން ބަލައިގަންނަ ބަޔަކު ކަމުގައި ހަދައި، ހަމަހަމަ ހައްޤުތަކަށް ޓަކައި ވަކާލާތު ކުރުމަށް ހާއްސަ ކޮށްފައިވާ މަހެއް ކަމުގައި ހެދުމަކީ އެއްގޮތަކަށް ވެސް ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ.

ތަރައްޤީވެ ތަހުޒީބު ވެފައިވާ މިޒަމާނުގައި ވެސް ޑައުންސިންޑްރޯމް ހުންނަ މީހުންނާމެދު ތަފާތު ކުރުމާއި ބޯދާ ގޮތަށް ދެކުމަކީ ނެތްކަމެކޭ ނުބުނެވޭނެ އެވެ. އެހެންނަމަވެސް މިފަދަ ގޮންޖެހުންތަކާއި އެކުވެސް، މިބަލީގެ ސަބަބުން އެމީހުންގެ ޤާބިލްކަން މިންނުކުރެވޭނެ ކަމާއި، މިބައްޔަކީ އެމީހުންގެ ބަލިކަށިކަމެއް ނޫންކަން ޑައުންސިންޑްރޯމް ޖެހިފައިވާ ފަރާތްތައް ވަނީ އެތައް ފަހަރެއްގެމަތިން ސާބިތު ކޮށްދީފަ އެވެ. އެހެންކަމުން މިބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކުރެވިފައިވާ މިމަހުގައްޔާއި އަދި މުޅި އަހަރުވެސް ލޯތްބާއި، އަޅާލުން، އަދި އެއްބަޔަކު އަނެއްބަޔަކު ބަލައިގަތުމާއި އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އެކުލެވޭ މެސެޖުތައް ފޯރުކޮށްދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ޑައުންސިންޑްރޯމަކީ ކޮބާ؟

ޑައުންސިންޑްރޯމް ޖެހެނީ އުފެދުމުގައި ހަށީގަނޑުގައި ހުންނަންވާ މިންވަރަށް ވުރެ އެއް ކްރޯމޮޒޯމް އިތުރުވުމުންނެވެ. ކްރޯމޮޒޯމަކީ ހަށިގަނޑު އުފެދުމާއި ބޮޑުވުން، އަދި ހަރަކާތްތެރިވެ އުޅުންފަދަ މުޙިއްމު ކަންތައްތައް ބައްޓަންކުރާ މާއްދާއެކެވެ. ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވާއިރު ހުންނާނީ ޖުމްލަ 46 ކްރޯމޮޒޯމްއެވެ، ނަމަވެސް ޑައުންސިންޑްރޯމް ޖެހިފައިވާ ކުއްޖަކު ދުނިޔެއަށް އުފަންވާއިރު އެއް ކްރޯމޮޒޯމް އިތުރަށް ހުރެ އެވެ. އެއީ ހަށިގަނޑުގައި އާންމުކޮށް ހުރި ކްރޯމޮޒޯމްތަކުގެ ތެރެއިން ކޮންމެވެސް އެއް ކްރޯމޮޒޯމެއްގެ އިތުރު ކޮޕީއެ ކެވެ. އެކްރޯމޮޒޯމަށް ކިޔަނީ ކްރޯމޮޒޯމް 21 އެވެ.

ޑައުންސިންޑްރޯމްގެ ބައެއް އަލާމާތްތައް

ޑައުންސިންޑްރޯމްގެ އަލާމާތްތައް ގިނަ އެވެ. ނަމަވެސް އޭގެތެރެއިން ބައެއް އަލާމާތްތަކަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

ޑައުންސިންޑްރޯމް ޖެހިފައިވާ ތުއްތު ކުއްޖާގެ ހަށިގަނޑުގައިވާ ކްރޯމޮޒޯމް 21 ގެ ސަބަބުން ކުއްޖާގެ ހަށިގަނޑާއި ސިކުނޑި ބޮޑުވުމަށް ބަދަލުތަކެއް ގެނުވަ އެވެ. އޭގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތުތަކެއް އައިސްފައި ހުރެ އެވެ. ޖިސްމާނީގޮތުން އަންނަ ބަދަލުތައް އެކި ކުދިންގެ ތަފާތުވި ނަމަވެސް އެންމެ އާންމުކޮށް ފެންނަން ހުންނަ ބަދަލުތަކުގެ ތެރޭގައި:

  • މޫނުމައްޗަށް އައިސްފައިވާ ބަދަލު
  • ކަރުގެ ފަހަތުގައިވާ ހަންގަނޑު ބޯވުމާއެކު ކަރު ހުންނަންވާ ވަރަށް ވުރެ ކުރުކޮށް ހުރުން
  • ބޮލާއި ކަންފަތް އަދި އަނގަ ހުންނަންވާ ވަރަށްވުރެ ކުޑަކޮށް ހުރުން
  • ހަށިގަނޑުގެ މަސްތަކާއި ހުޅުތައް ހުންނަންވާ ވަރަށްވުރެ ދޫކޮށް ހުރުން

ޑައުންސިންޑްރޯމް ކުދިން ވާހަކަ ދެއްކުމާއި އަޑުއެހުމުގެ ތަފާތުކަން ހުރުމުގެ ސަބަބުން އުނގެނުމާއި ވިސްނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ޖިސްމާނީ ތަފާތުތަކެކޭ އެއްފަދައިން މިބަދަލުތަކަކީ ވެސް އެއްކުއްޖަކުން އަނެއް ކުއްޖަކަށް ތަފާތު ބަދަލު ތަކެކެވެ. އެގޮތުން އެންމެ އާންމުކޮށް ފެންނަ ކަންތައްތަކުގެ ތެރޭގައި

  • ސަމާލުކަން ދިނުމަށް ދަތިވުން (ސަމާލުކަންދޭ ވަގުތު ކުރުވުން)
  • ގޮތްނިންމަން އުނދަގޫވުން
  • އުނގެނުން ލަސްވުން
  • ވާހަކަދެއްކުން ލަސްވުން

ޑައުންސިންޑްރޯމް މަސް ފާހަގަ ކުރަނީ ކީއްވެ؟

ޑައުންސިންޑްރޯމަށް ހޭލުންތެރި ކުރުވުމަށް ހާއްސަ މަހެއްގެ ގޮތުގައި އޮކްޓޯބަރ ކަނޑައަޅާފައި ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އޮކްޓޯބަރ ވެގެން ގޮސްފައިވަނީ މިބައްޔާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވައި، އަދި މިބަލި ހުންނަ ފަރާތްތަކުން ހޯދާފައިވާ ކާމިޔާބީ ތަކާއި އެމީހުންގެ ޤާބިލްކަން ދައްކުވައި، އަދި ހާސިލް ކޮށްފައިވާ ލަނޑުދަނޑިތައް ފާހަގަ ކުރުމުގެ މަހަކަށެވެ.

ޑައުންސިންޑްރޯމް ހުންނަ މީހުންނަކީ އަހަރެމެންނެކޭ ހަމަ އެއްފަދަ ބައެކެވެ. އާދައިގެ މީހެކޭ އެއްފަދައިން އެމީހުންގެވެސް ހުވަފެންތަކަކާއި ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހުރެ އެވެ. އަދި ކާމިޔާބީއާއި އުފާވެރި އާއިލާއެއް ވެސް އެހެން މީހުންނެކޭ އެއްފަދައިން އެމީހުންވެސް އެދެ އެވެ. އެމީހުންނަށްވެސް ވަޒީފާއަށް ގޮސް، މަސައްކަތް ކޮށް، ކިޔަވަން މަދްރަސާއާއި ކޮލެޖަށް ގޮސް، ޒަވާޖީ ހަޔާތެއް ފަށައި އާއިލާއެއް ބިނާކޮށް އަދި މުޖުތަމައު ކުރިއެރުވުމަށް ވެސް އެއްބާރުލުން ދެވޭނެ އެވެ. އެމީހުންނަކީ ވެސް ޤާބިލް ބައެ ކެވެ.

އަދި އެމީހުންނަށް ކުޅިވަރުތަކުގައި ވެސް ބައިވެރިވެވެ އެވެ. އޮލިމްޕިކްސްގެ ހާއްސަ މުބާރާތެއް ބޭއްވުމަށް ޔޫނިސް ކެނެޑީ ޝްރިވާ އެންމެ ފުރަތަމަ ހުށަހެޅުމުން ޑައުންސިންޑްރޯމް ހުންނަ މީހުންނާއި ބެހޭގޮތުން ނޭދެވޭ އަދި ބިރުވެރި ވާހަކަތަގައިގެން އެތައް ބަޔަކު އޭނާގެ ހިޔާލު ބަދަލު ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެމީހުންނަކީ ގެންގުޅެން އުނދަގޫ ބައެއް ކަމަށާއި ފެތުމުގެ މުބާރާތުގައި ފަތަން ނޭނގި ގެނބުން ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށް ބުނެ، މިފަދަ އެތައް ވާހަކަތަކެއް ދެއްކި އެވެ. އެހެންކަމުން ޑައުންސިންޑްރޯމް މީހުންނާއި ބެހޭގޮތުން މީހުން ދެކޭގޮތް ބަދަލު ކުރުމަށް 1968 ގައި ބޭއްވުނު އެންމެ ފުރަތަމަ ހާއްސަ އޮލިމްޕިކްސް ގޭމްގައި ކުޅިވަރެއްގެ ގޮތުގައި ފެތުން އޭނާ ހިމެނި އެވެ.

އެއަށްފަހު ފެތުމުން ފެށިގެން ޖިމްނާސްޓިކް އަދި ބާސްކެޓްބޯޅައާއި އެތްލެޓިކްސް ފަދަ ކޮންމެ ކުޅިވަރެއްގައި ވެސް ޑައުންސިންޑްރޯމް ޖެހިފައިވާ ފަރާތްތައް ވަނީ ކުރިއެރުން ހޯދައި، ރަން ވަނަތަކެއް ހާސިލް ކޮށްފަ އެވެ.

Like
Like Love Haha Wow Sad Angry
1

މިލިޔުމަށް ޚިޔާލު ފޮނުވާ "އޮކްޓޯބަރު – ޑައުން ސިންޑްރޯމް މަސް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.