
އައްޑޫސިޓީގައި ބާއްވާ ކަލަރ ރަން ޖޫން 28 ގައި ބާއްވަނީ..
އައްޑޫސިޓީގައި ބާއްވާ ކަލަރ ރަން ޖޫން 28 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އެކުންފުނިން ބުނީ މިގޮތަށް ނިންމީ ވީހާވެސް ގިނަ ދުވުންތެރިން ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސީ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި ދުވުންތެރިންގެ އެދިލެއްވުމާއެކުގައި ކަމަށެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައިވެރިވުމާއެކު، މިދިޔަ މަހު އުރީދޫ ކަލަރ ރަން އައްޑޫ އިޢުލާންކޮށްފައިވަނީ ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުޞަތު މަގުފަހިކޮށްދިނުމަށެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއިއެކު ކުރިއަށްގެންދާ އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު ޢަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ އިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މިދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި ޢާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.
އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހެއް ނޫނެވެ. އެހެންކަމުން ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެއެވެ.
ފާއިތުވި އަހަރު ހުޅުމާލޭގައި ބޭއްވި ކަލަރ ރަން އާއި އެއްފަދައިން އައްޑޫގައިވެސް ކަލަރ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެއެވެ. މިގޮތުން ހެންދުނު ގަޑީގައި ކައިޓް ފެސްޓިވަލެއް ބާއްވާ އިރު، ދުވުން އޮންނާނީ ހަވީރުއެވެ.
މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭ އިރު، އިތުރު މަޢުލޫމާތު އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށްދެވޭނެއެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ބޭފުޅުން އަދި ޢާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ދައުވަތު އަރުވައެވެ.



