ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ ދަރުސް ދެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެކުރިން މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ”ދަ މެސެޖް“ ޕްރޮގްރާމުގެ ދަށުންނެވެ.
އެހެން ނަމަވެސް މިފަހަރު މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ”ޖަމިއްޔަތު ރަހުމާ“ ގެ ދައުވަތަކަށެވެ.
”އިލްމް ޓޯކް“ގެ ނަމުގައި ”ޖަމިއްޔަތު ރަހުމާ“ އިން ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ދަރުސް ދެއްވުމަށް އަންނަ މަހުގައި މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވާއިރު ދަރުސް ދޭން ހަމަޖެހިފައިވާ ވަކި ދުވަހެއް އެ ޖަމްޢިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި މެންކް ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭގޮތުންނެވެ.
މިދިޔަ އަހަރު މިނިސްޓްރީގެ “ ދި މެސެޖް“ ޕްރޮގްރާމްގައި މެންކް ދަރުސް ދެއްވާފައި ވަނީ މުޖުތަމައުގައި ހުރި ތަފާތު މައްސަލަތަކާ ގުޅޭގޮތުންނެވެ.
މުފްތީ މެންކް އަކީ ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައިވާ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ އެންމެ އިސް ބޭފުޅާގެ މަގާމު ފުރުއްވަމުން އަންނަ ފަރާތެވެ.