ސިއްޚަތް: ހަކުރު ބަލިން ރައްކާތެރިވެވިދާނެ، ބޭނުންތަ ؟

ހަކުރު ބައްޔަކީ އިންސާނާގެ ލޭގައި ހަކުރު ނުވަތަ ގްލުކޯސް ލެވެލް ހުންނަންޖެހޭ މިންވަރަށްވުރެ މާމަތިވުމުން ކިޔާ ނަމެކެވެ. މިބަލި ޖެހެނީ ހަށިގަނޑުގައިވާ ޗިސްމޭ ނުވަތަ ޕެންކްރިއަސް އިން ހަކުރު ކޮންޓްރޯލް ކުރުމަށް އުފައްދާ ތާސިރެއް ކަމުގައިވާ އިންސުލިން މަދުވުމުން ނުވަތަ ޗިސްމޭ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.

ހަކުރުބަލީގެ މައިގަނޑު 3 ވައްތަރެއްވެއެވެ. އެއީ ޓައިޕް 1 ޑައެބެޓީސް، ޓައިޕް 2 ޑައެބެޓީސް އަދި ޖެސްޓޭޝަނަލް ޑައެބެޓީސް (މާބަނޑު ދުވަސްވަރު ބައެއް މީހުންނަށް ޖެހޭ ހަކުރުބަލި) މިއެވެ. ޓައިޕްވަންއަކީ ކުޑަކުދިން އަދި ޒުވާނުންނަށް ޖެހޭ ހަކުރުބައްޔެވެ. މިކުދިންނަށް އަބަދުވެސް އިންސުލިން އިންޖެކްޝަން ޖަހަންޖެހެއެވެ. ޓައިޕް 2 އަކީ އާންމުކޮށް ބޮޑެތިމީހުންނަށް ޖެހޭ ހަކުރުބައްޔެވެ. މިވައްތަރުގައި އިންސުލިން އިންޖެކްޝަން ނުޖަހާ، ބޭހާއި ކެއުން ބުއިމަށް ބަލައިގެން އުޅެފިނަމަ މިބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވޭނެއެވެ.

އިޝްތިހާރު Below Header ad

ހަކުރުބަލި ހުރިކަން އެނގޭނީ ކިހިނެއް؟

ހަކުރު ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ޗިސްމޭއިން އުފައްދާ އިންސުލިން ލެވެލް މާބޮޑަށް ދަށަށްދިއުމުގެ ސަބަބުން، ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާވަރަށްވުރެ ހަކުރުގެ ލެވެލް މާމަތިވުމުންނެވެ. މިގޮތުން ތިރީގައި މިވާފަދަ އަލާމާތްތައް ފެންނަން ފަށާފާނެއެވެ.

– އާދަޔާ ޚިލާފަށް ބަނޑުހައިވުން ނުވަތަ މާބޮޑަށް ކާހިތްވުން

– އާދަޔާ ޚިލާފަށް ކަރުހިއްކާ ފެންބޮވުން

– އަވަސްއަވަހަށް (ގިނަގިނައިން) ކުޑަކަމުދާންޖެހުން

– ރޭގަނޑު ނިދަން އޮށޯތުމުން މިއުދަނގޫ ބޮޑުވާގޮތް ވުން

– ބަރުދަނަށް ބަދަލުއައުން (ލުއިވުން / ބަރުވުން)

– ހަށިގަނޑު ވަރަށް ބޮޑަށް ހިރުވައި ކެހުން

– ވަރުބަލިވުމާ، ބޯއެނބުރުން

– ލޮލުގެ ފެނުމަށް ދަތިވެ، އުދަނގޫވުމާ ފުސްވުން

– އަތްފައި އައްސިވުން

– އަބަދު ނިދިއަންނަގޮތްވުން

ހަކުރު ބަލިޖެހިފައިވާކަން ދެނެގަތުމަށް ހެދޭ ޓެސްޓް

ހަކުރު ބަލި ހުރިތޯ ބެލުމަށް ކުޑަކަމުދާ ތަކެއްޗާ، ލޭ ވެސް ޓެސްޓުކުރެވެއެވެ. މިގޮތުން ލޭގެ ޓެސްޓްވެސްތަފާތު ކިތައްމެ ގޮތަކަށް ކުރެއެވެ. ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރުހުރިމިންވަރު ބެލުމެވެ. ހަކުރުބަލި ޖެހިފައި ހުރިކަމަށް ނިންމުމަށްޓަކައި އެމެރިކަން ޑައަބިޓީސް އެސޯސިއޭޝަން (އޭ.ޑީ.އޭ) އިން ކަނޑައަޅާފައިވާ ދެ މިންގަނޑަކީ

1- ބަލީގެ އަލާމާތްތައް ހުރުމާއެކު ލޭގެ ރެންޑަމް ހަކުރުބަލާއިރު ކޮންމެ ޑެސިލިޓަރެއްގައި 200 މިލިގްރާމަށްވުރެ މަތީގައި ހަކުރުހުރުން ނުވަތަ

2- ހުސްބަނޑާ 8 ގަޑިއިރު ހުރެ ހަދާ ހަކުރު ޓެސްޓްގައިލޭގައިހަކުރުގެ މިންވަރު ކޮންމެ ޑެސިލިޓަރެއްގައި 126 މިލިގްރާމް އަށްވުރެމަތީގައި ހަކުރު ހުރުން ނުވަތަ

3- ކައުމަށްފަހު 2 ގަޑިއިރު ފަހުން ބަލާއިރު ކޮންމެ ޑެސިލިޓަރެއްގައި 200 މިލިގްރާމަށްވުރެ މަތީގައި ހަކުރުހުރުން

4- HbA1c ހައެއް ޕޮއިންޓް ފަހެއް ޕަސަންޓް ނުވަތަ އެއަށްވުރެ މަތިވުން

ހަކުރުބަލީގެ ފަރުވާ

ޓައިޕް 2 ޑައެބެޓީސް ހުންނަމީހުންގެ ހަކުރު ހުންނަންވާ މިންވަރު، ކަސްރަތާއި ކެއުންބުއިމުގެ އާދަތަކަށް ބަދަލުގެނެސްގެންވެސް ކޮންޓްރޯލް ނުކުރެވޭނަމަ ހަކުރު ބަލީގެ ގުޅަބޭސް ނުވަތަ އިންސުލިން އިންޖެކްޝަން ޖަހަންޖެހިދާނެއެވެ. ރާއްޖޭގައި ހަކުރު ބަލީގެ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ހަކުރުބަލީގެ ކްލިނިކެއް ހިންގައެވެ. އެހެންކަމުން އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް ދައްކަވާ ނުވަތަ ހަކުރު ބަލީގެ ކްލިނިކަށް ވަޑައިގެން މިބަލީގެ ޓެސްޓްތައް ހައްދަވާ ގަވާއިދުން ބޭސް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ވަކިން ހާއްސަކޮށް މިބައްޔަކީ ދާއިމީކޮށް ބޭސް ބޭނުން ކުރަން ޖެހޭ ބައްޔެއްކަމުން، ޑޮކްޓަރެއްގެ ލަފާގެމަތިން ނޫނީ ބޭސް ބޭނުންކުރުން އަމިއްލައަށް ހުއްޓާލައިގެން ނުވާނެއެވެ.

ހަކުރު ބައްޔަށް ފަރުވާ ނުލިބި ގިނަދުވަސްވުމުން ދިމާވެދާނެ ބައެއް މައްސަލަތައް

ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ސަމާލުކަން ނުދެވިއްޖެނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:

– ލޮލަށް ގެއްލުންވެ ލޯ ފުސްވުން

– ނާރުތަކަށް ގެއްލުންވެ އައްސިވުން

– ފައި ހަލާކުވުން އަދި ފާރުވާ ތަންތަން ފަސޭހަވާން ގިނަދުވަސް ނެގުން

– ހަމުގެ ބަލިތައް ޖެހުން

– ހަށިގަނޑުގެ ލޭނާރުތަކަށް ގެއްލުން ލިބުން

 ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

ޓައިޕް 2 ޑައެބެޓިސް ޖެހުމުގެ ފުރުސަތު އޮތްމީހުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްގެން މިބަލިން ރައްކަތެރިވެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:

– ކެއުމަގައި ސިއްހީ ގޮތުން ފައިދާ ހުރި ކާނާކެއުން

– ބަރުދަން މާމަތިނަމަ ، ބަރުދަން ލުއިކޮށް ގަވާއިދުން ކޮންމެ ދުވަހަކުވެސް ކަސްރަތުކުރަން ފެށުން

– ދުންފަތުގެ އިސްތިއުމާލު ނުކުރުން

– ލޭމައްޗައް ދިޔަނުދިނުމަށް މަސައްކަތްކުރުން (ލޭގެ ޕްރެޝަރ 130/80 ދަށުގައި ބެހެއްޓުން)

– HbA1c ޓެސްޓް ކޮންމެ 3 – 6 މަހުން ހެދުން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.