ޚަބަރު ފީތާ

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޓޮމް ފޯމް ހުށައަޅައިފި.

ފޮޓޯ: ސަންމީޑިއާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލައްވައިފި އެވެ.

ޓޮމް އަކީ އެންމެ ފަހުންވެސް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ފަރާތެވެ. މެއި 31 ވަނަ ދުވަހު ރައީސްކަމަށް އިންތިޚާބުވި ޓޮމް އޭނާއަށް އެ މަގާމު ގެއްލުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެކްސްކޯގެ 5 މެމްބަރުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މި ސަބަބާހުރެ އެފްއޭއެމްގެ އިންތިޚާބު މިވަނީ އަލުން ބާއްވަންޖެހިފައެވެ.

އެކްސްކޯގައި ހެމެނިވަޑައިގަންނަވާ ފަސް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވީ ޓޮމްގެ މަސަތްކަތްތަކާ މެދު ހިތް ހަމަ ނުޖެހި ސެކެޓްރީ ޖެނަރަލްގެ މަގާމުން ބައްސާމް ވަކިކުރުމާ ގުޅުގެންނެވެ. އަދި ގަވާއިދާ ހިލާފަށް ބައްސާމް ވަކިކުރެއްވުމުން ފީފާއިން ވަނީ ބައްސާމަށް އަލުން އެ މަގާމް ދިނުމަށް އެފްއޭއެމަށް އަންގާފައެވެ.

އަންނަ މަހު 20 ގައި އޮންނަ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު އެ މަގާމަށް މީގެ ކުރިން ވަނީ ޖެނެރަލް ސެކެރެޓަރީ ބައްސާމް ކުރިމަތިލައްވާފަ އެވެ. ރައީސްގެ މަގާމަށް ޓޮމް ކުރިމަތިލައްވަން ފޯމް ހުށައަޅާފައިވަނީ ވަނީ މިއަދު މެންދުރު އެވެ.

ފޯމް ހުށެހެޅުމަށް ފަހު އޭނާ އެ މަގާމަށް ކުރިމަތިލާފައި މި ވަނީ ގިނަ އަދަދެއްގެ ޓީމުތަކެއްގެ ތާއީދާއެކު ކަމަށް ޓޮމް ވަނީ ބުނެފައެވެ.

 

Rate this post