
މިނިސްޓަރ މަލީހު ދިރާގާއި އުރީދޫގެ މަސައްކަތްތައް ބައްލަވާލައްވައިފި
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް މުހައްމަދު މަލީހް ޖަމާލް ދިރާގާއި އުރީދޫގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
އެގޮތުން މިމަހުގެ 7 ވަނަ ދުވަހު ދިރާގަށް ވަޑައިގެން ދިރާގުގެ އިސްވެރިންނާ ބައްދަލުކުރައްވާ އެތަނުގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވާލައްވާފައިވާ އިރު، މިބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އާއި އެކުންފުނީގެ އިސްވެރިންނާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑިއިގެންފައެވެ.
ގާތްގަޑަކަށް 3 ގަޑި އެއްހާ އިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި ދިރާގުގެ ފަރާތުން ކުރިޔަށް ރާވާފައިވާ ބޮޑެތި މަސައްކަތަކުގެ މަޢުލޫމާތާއި ދިރާގުން މީގެ ކުރިން ކަންކަން ހާސިލް ކޮށްފައިވާ ގޮތުގެ މައުލޫމާތު މިނިސްޓަރާއި ވަނީ ހިއްސާ ކުރައްވާފައެވެ.
އުރީދޫއަށް މިިނިސްޓަރ ވަޑައިގަތީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހުގެ ބައްދަލުވުމުގައި އުރީދޫގެ އިސްވެރިންނާ ބައްދަލުކުރައްވާ މަސައްކަތްތަށް ކުރިޔަށް ދާގޮތްވެސް ބައްލަވާލައްވާފައެވެ.
މިބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ނަޖީބްޚާން އާއި އެކުންފުނީގެ އިސްވެރިންނާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައިވެސް އުރީދޫގެ ފަރާތުން ކުރިޔަށް ރާވާފައިވާ ބޮޑެތި މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރާއި ވަނީ ހިއްސާ ކުރައްވާފައެވެ.



