
ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިޘާއެއް ހިނގައިފި
ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.
ބ. އަތޮޅުގައި ހިންގާ މި ރިސޯޓުގައި އަލިފާނުގެ ހާދިޘާއެއް ހިނގިކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފް އިން ބުނީ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން 12:19 ހާއިރު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގައި ހުންނަ ވަޑާންގޭގެ ގުދަނުގައެވެ.
ހާދިޘާ ހިނގުމާއެކު އަލިފާންގަނޑު އިތުރަށް ބޮޑުވެ ފެން އުފައްދާ ޕްލާންޓު ގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އަލިފާނުގެ ހާދިޘާ އާ ގުޅިގެން ހޫނުވުމުގެ ސަބަބުން އިންޖީނު ގޭގެ ސީލިންގ އާއި ކަރަންޓު ވަޔަރިންގ ގެ ބޮޑުބަޔަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިޘާގައި އަލިފާން ރޯވި ވަޑާންގޭގެ ގުދަނާއި ވަޑާންގެއާއި ފެން އުފައްދާ ޕްލާންޓާއި އިންޖީނުގެ ހުންނަނީ އެއް ޢިމާރާތެއްގައި ކަމަށެވެ.
މި ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.



