
’ބްލޫ ވޭލް‘ ފުރިހަމަ ކުރުމަށް ސައުދީ ކުޑަ ކުއްޖަކު އަމިއްލައަށް މަރުވެއްޖެ
’ބްލޫ ވޭލް‘ ނަމަކަށް ކިޔާ ގޭމެއް ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާގެ ކުޑަ ކުއްޖަކު އަމިއްލައަށް މަރުވެއްޖެއެވެ.
މީގެ ކުރިންވެސް މި ގޭމު ކުޅެ، އޭގައި ހަވާލު ކުރާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ޢަރަބި ބައެއް ޤައުމުތަކުގައި ކުޑަ ކުދިން އަމިއްލައަށް މަރުވެފައިވެއެވެ.
އަލް އަރަބިއްޔާ ނޫހަށް މަޢުލޫމާތު ދެމުން މަރުވި ކުއްޖާގެ އާއިލާ މީހެއް ކަމަށްވާ ޢަބްދުﷲ ބިން ފާހިދް ބުނެފައި ވަނީ، 12 އަހަރުން ދަށުގެ އެ ކުއްޖާއަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެއް ކަމަށާއި، ’ބްލޫ ވޭލް‘ ގޭމް ކުޅުމަށް އެ ކުއްޖާ ޝައުގުވެރިވެ އެކަމަށް ދެވިހިފީ ކަމުގައެވެ. އަދި އެ ގޭމުގެ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށް ފަހު، އެންމެ ފަހުބައި ކަމުގައިވާ އަމިއްލައަށް މަރުވުމުގެބައި ފުރިހަމަ ކުރުމަށް ދަންޖެހުނީ ކަމަށާއި، އެކަމުގެ ސަބަބުން އެކުއްޖާ ވަގުތުން މަރުވެފައިވާ ކަމަށެވެ.
ފާހިދް ބުނެފައި ވަނީ އެ ކުއްޖާ ’ބްލޫވޭލް‘ ގޭމްގެ މަސައްކަތްތައް ފުރިހަމަ ކުރަމުންދިޔަ ކަމަށް އޭނާގެ ރަޙްމަތްތެރިން ބުނެފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރާ ކަމަށެވެ.
’ބްލޫވޭލް‘ ގޭމް ކުޅޭ ފަރާތްތަކުން 50 ދުވަހުގެ ތެރޭގައި 50 މަސައްކަތް ފުރިހަމަ ކުރަންޖެހެއެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އަމިއްލަ ނަފްސައް އެކި ކަހަލަ އަނިޔާ ދިނުމާއި ބިރުވެރި ފިލްމު ބެލުން، އަދި ދަންވަރުގެ ވަގުތުތަކުގައި ހޭލައި އުޅުން ފަދަ ނަފްސާނީ ގޮތުން އަސަރު ކުރާނެ ފަދަ ކަންތައްތައް ހިމެނެއެވެ. މި ގޭމްގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ހިމެނެނީ ދަންޖެހިގެން ނުވަތަ އުސް ތަނަކުން ފުންމާލައިގެން އަމިއްލައަށް މަރުވުމެވެ.
’ބްލޫވޭލް‘ ގޭމުގެ ނުރައްކަލާއި އޭގެން ކުޑަކުދިންގެ ވިސްނުމާއި ފިކުރަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރު ކުރުވުމަށް ގޮވާލައި ޢަބްދުﷲ ބިން ފާހިދް ކުރި ޓްވީޓް ވަނީ ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދައުރުވެފައެވެ.
ޢަރަބި ޤައުމުތަކުގެ އިތުރުން ވިލާތުގެ ބައެއް ޤައުމުތަކުގައި ވެސް މި ގޭމް ކުޅެ ގޭމްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ވަނީ ކުޑަ ކުދިން އަމިއްލައަށް މަރުވެފައެވެ. އެގޮތުން ރަޝިޔާގައިވެސް 130 ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
އިންގިރޭސިވިލާތުގައިވެސް މި ގޭމްގެ ސަބަބުން އިތުރުވާ މަރުގެ ހާދިސާތައް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މި ގޭމްގެ ނުރައްކަލާއި ބެހޭގޮތުން ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ވަނީ ހިންގާފައެވެ.



