
ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރުމަށް 30 ދުވަސް ދޭނަން. އެއްވެސް ސަބަބަކާއިހުރެ އިންތިޚާބު ލަސްނުކުރާނެ..
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރުމަށް 30 ދުވަސް ދޭނެ ކަމަށާއި އެއްވެސް ސަބަބަކާއިހުރެ އިންތިޚާބު ލަސްނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ބަޖެޓް ކަނޑައެޅިފައިވާ ކަމަށާއި ބަޖެޓުގެ މައްސަލައެއް ކުރިމަތިވެގެން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ މިއަހަރުގެ ރިޔާސީ އިންތިޚާބު ލަސްނުކުރާނެކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ ގޮތަށް އިންތިޚާބަށް ކެމްޕޭނު ކުރުމަށް 30 ދުވަހުގެ ފުރުޞަތު ދޭން ނިންމާފައިވާ އިރު، އެފުރުޞަތު ހުޅުވާލާނީ ކެންޑިޑޭޓުން ކުރިމަތިލާ ނިމުމުން އަދި ނަންތައް ތަރުތީބު ކުރުމަށްފަހު ކަމަށެވެ.
ޝަރީފް ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެ ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ރާއްޖެތެރޭގެ ރަށްރަށުގެ ވޯޓު ފޮށިތައް ގުނަން މާލެ ގެންނާނެކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރަމުން އީސީ އިން ބުނީ އިންތިޚާބު ބާއްވާ ތަނެއްގައި ވޯޓު ގުނުމަކީ ޞައްޙަކަން ކަށަވަރުކުރަން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
”އެހެންވީމަ އެކަން ބަދަލުކުރަން މިކޮމިޝަނުން ތާއީދެއް ނުކުރާނެ. އެކަމަކު އެފަދަ ޤާނޫނެއް ފާސްކޮށްފިނަމަ އެ ޤާނޫނަކަށް ޢަމަލުކުރާނަން“ އީސީ އިން ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ފުލުހުން ހުއްޓުވަނީ ޤާނޫނާއި ޚިލާފަށް ކުރާ ކަންކަން ކަމަށެވެ. އަދި އެއީ ފުލުހުންނާއި މަޝްވަރާނުކޮށް ޢާންމުންނަށް ދަތިވާ ގޮތަށް ކުރާ ކަންކަން ކަމަށެވެ.



