
ސްވިޑެން އާއި ބެލްޖިއަމް މޮޅުވެ އުންމީދު އާކޮށްފި
ވޯލްޑް ކަޕްގައި މިއަދު ހަވީރު ދެކުނު ކޮރެޔާގެ މައްޗަށް ސްވިޑެން އިން 0-1 އިން ކުރި ހޯދައިއިރު، ބެލްޖިއަމްއިން ޕެނަމާގެ ،މައްޗަށް ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިން ކުރިހޯދައިފިއެވެ.
ގްރޫޕް އެފްގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސްވިޑެން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ޕެނަލްޓީ ސްވިޑެން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަންދްރޭސް ގްރަންކްވިސްޓްއެވެ. މި ޕެނަލްޓީ ސްވިޑެން އަށް ލިބުނީ ކޮރެޔާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ސްވިޑެންގެ ކްލާސެން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ކޮރެޔާގެ ފަރާތުން މި މެޗުގައި އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މުޅި މެޗުގައި ވެސް އެޓީމަށް ސްވިޑެންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.
މި ގްރޫޕްގައި ސްވިޑެން ދެން ބައްދަލުކުރާނީ ޖަރުމަނާއެވެ. ކޮރެޔާ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.
މިރޭ ކުޅުނު މެޗުން ބެލްޖިއަމް މޮޅުވިއިރު، އެޓީމުން ކާމިޔާބުކުރި 3 ލަނޑުގެތެރެއިން 2 ލަނޑު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ.
ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ބެލްޖިއަމް އިން ވަނީ ޕެނަމާގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެޑެން ހަޒާޑް ފޮނުވާލު ދެ ހަމަލާއެއް ޕެނަމާގެ ކީޕަރު ދިފާއުކުރިއިރު މާޓެންސް އާއި ޑެ ބްރައިނާ ވަނީ ދުރުން ބާރު ދެ ހަމަލާއެއް ފޮނުވާލާފައެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެލްޖިއަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު މެޗުގެ 47 ވަނަ މިނެޓްގައި ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މާޓެންސް އެވެ.
ބެލްޖިއަމް މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓްގައެވެ. ޑެ ބްރައިނާ ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެން މި ގޯލު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލުކާކޫއެވެ. އަދި ހަޒާޑް ދިން ޕާހަކުން މެޗުގެ 75 ވަނަ މިނެޓްގައި ބެލްޖިއަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ލުކާކޫއެވެ.
މި ގްރޫޕްގައި ބެލްޖިއަމް އިން ދެން ބައްދަލުކުރާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ. އަދި ޕެނަމާ ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.



