
ނައިޖީރިއާ ބަލިކޮށް ކްރޮއޭޝިއާ ހަމަޖެހިލައިފި
ވޯލްޑް ކަޕްގައި ރޭ ނައިޖީރިޔާގެ މައްޗަށް ކްރޮއޭޝިޔާ އިން ކުރި ހޯދައިފިއެވެ.
ރޭގެ މެޗުން ކޮރޮއޭޝިއާ މޮޅުވެފައިވަނީ ނައިޖީރިއާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ގްރޫޕް ޑީގައި ހިމެނޭ މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތު ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ނައިޖީރިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޕެރިސިޗް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.
ކްރޮއޭޝިއާ އިން މެޗުގެ ލީޑުނެގީ މެޗުގެ 32 ވަނަ މިނެޓްގައި ނައިޖީރިއާގެ އެޓެބޯ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ.
ފުރަތަމަ ހާފްގެ ކުޅުނ ް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ކްރޮއޭޝިއާގެ ކްރަމަރިޗް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ކްރޮއޭޝިއާ އިން ނިންމާލިއިރު ދެވަނަ ހާފް ވެސް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ކްރޮއޭޝިއާ އިންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ކްރޮއޭޝިއާ އަށް ލިބުނު ޕެނަލްޓީ އަކުން ލޫކާ މޮޑްރިޗް ވަނީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މި ޕެނަލްޓީ ލިބުނީ ނައިޖީރިއާގެ ކުޅުންތެރިއަކު ކްރޮއޭޝިއާގެ މަންޒުކިޗް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ނައިޖީރިއާގެ ފަރާތުން މި މެޗުގައި ދަށް ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާގެ ގޯލާއި އަމާޒުކޮށް މުޅި މެޗުގައި ވެސް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.
ރޭގެ މެޗާއެކު ގްރޫޕް ޑީގެ ފުރަތަމަ މެޗުތަށް ކުޅެ ނިމިފައިވާއިރު ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާއެވެ. މި ގްރޫޕްގައި ހިމެނޭ އާޖެންޓީނާ އާއި އައިސްލޭންޑަށް އެއް ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ނައިޖީރިއާއެވެ.
މި ގްރޫޕްގައި ކްރޮއޭޝިއާ ދެން ބައްދަލުކުރާނީ އާޖެންޓީނާއާއެވެ. ނައިޖީރިއާ ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.



