
އީ.ސީ.އައި – ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ
އީ.ސީ.އައި – ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ސެޕްޓެމްބަރ 20 އިން 29 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ’އީ.ސީ.އައި– ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް‘ ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ސީނިއަރ އެކައުންޓްސް އޮފިސަރ އައިޝަތު ޝައްފާފު އާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަހުލާ އިސްމާއިލް އެވެ.
ދިހަ ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އިލެކްޝަން މެނޭޖްމެންޓްގެ ޓެކްނޮލޮޖީއަށް ބަރޯސާވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ނުވަތަ ކުރަންޖެހޭ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރެވެނެއެވެ.
މި ޕްރޮގްރާމް އިންތިޒާމްކުރި ފަރާތްކަމުގައިވާ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމެންޓް ((IIIDEM ގެ މަޤުޞަދަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމާއި އިންތިޚާބުތަކުގެ ޓްރާންސްޕޭރެންސީ އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ދެކުނު އޭޝިއާގެ 4 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކާއި ރަޝިއާ، ޓައިވާން، ދެކުނު ކޮރެއާ އަދި އިންޑޮނޭޝިއާގެ އިލެކްޝަން ކޮމިޝަންތަކުން ބައިވެރިވެއެވެ.



