
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުގައިވާގޮތުގައި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 10 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 5 މައްސަލައާއި ބާރާއި ނުފޫޒު ފޯރުވުމުގެ 3 މައްސަލައާއި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 2 މައްސަލައާއި ނާޖާއިޒު ފައިދާ ނެގުމުގެ 2 މައްސަލަ ހިމެނޭ ކަަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި މީގެ ތެރޭގައި ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލައާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި މާލީ ނުވަތަ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަވެސް ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައަކާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައެއް ހިމެނެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.



