
އޭޑީކޭ ސިނަރޖީ އިން މި ރަމަޟާން މަހު 100K ޗެލެންޖު ބާއްވަނީ
އޭޑީކޭ ސިނަރޖީ އިން މި ރަމަޟާން މަހު 100K ޗެލެންޖުގެ ނަމުގައި ޗެލެންޖެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާރޭ ރަސްފަންނު ސަރަޙައްދުން ފެށުމަށް ނިންމާފައިވާ މި ޗެލެންޖާއިބެހޭގޮތުން އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭޑީކޭ ސިނަރޖީގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ރަމަޟާން މަހުގެ ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޗެލެންޖެއް ކަމަށެވެ. އަދި މި ޗެލެންޖުގައި މިހާތަނަށް 50އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
“ އެންމެ ފާހަގަކުރެވޭ ކަމަކީ މި ޗެލެންޖުގަ އެބަ ބައިވެރިވޭ އެއްގޮތަކަށްވެސް ނުދުވާ ގިނަ ބަޔަކު. އެހެންވީމަ މީ ވަރަށް ބޮޑު ޗެލެންޖެއް “ އޮފިޝަލު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޗެލެންޖު ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ލިބޭނެ ކަމަށާއި މިއީ ހަމައެކަނި އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ ޗެލެންޖެއް ކަމަށެވެ. އޭޑީކޭ ސިނަރޖީގެ މެމްބަރުންނަކީ އޭޑީކޭ ކޮމްޕެނީގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންނެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މިފަދަ ޗެލެންޖެއް ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް އެހީތެރިވެ ދިނުމާއި ދުވުމަކީ ސިއްޙަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަންގައިދިނުމެވެ. އަދި ދުވުންތެރިން އުފެއްދުމެވެ.



