
ބީބީ ރަނަރސް ރަމަޟާން 222 ޗެލެންޖު ފަށައިފި
ބީބީ ރަނަރސް ރަމަޟާން 222 ޗެލެންޖު މިއަދު ފަށައިފިއެވެ.
މާލޭ ކުޅިވަރު އެކުވެނި ސަރަޙައްދުން މިއަދު ހަވީރު ފެށި މި ޗެލެންޖުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި ދުވެ 222 ކިލޯ މީޓަރ ހަމަކުރުމަށް ތާވަލުކޮށްފައިވާ ދުވުމެކެވެ.
ހުރިހާ އެންމެނަށްވެސް ބައިވެރިވެވޭގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި އިވެންޓުގައި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެމީހަކު ބޭނުން ވަގުތަކު ދުވެ، އެ ދުވަހެއްގެ ޕްރޮގްރާމް ފުރިހަމަ ކުރެވިދާނެއެވެ. އަދި ޙަވާލުކޮށްފައިވާ ޝީޓުގައިި ލިޔެ، ކޮންމެ ހަފުތާއަކުވެސް އިންސްޓްރަކްޓަރުންނާ ޙަވާލުކުރަން ޖެހެއެވެ. މިއީ އެމީހެއްގެ ޕަރފޯމެންސް ބެލުހެއްޓުމަށް ކޮންމެ ހަފުތާއަކު ފުރަން ޖެހޭ ފޯމެކެވެ.

”ކޮންމެހެން މާލޭގަ ހުންނަ މީހަކަށްވާކަށް ނުޖެހެއޭ ޗެލެންޖު ފުރިހަމަކުރަން. އަޅުގަނޑުމެންގެ ޕްރޮގްރާމް ފޮލޯ ކުރެވޭނެ ކޮންމެ ތަނެއްގައި ހުރެގެންވެސް. ގައިޑުލައިނާ އެއްގޮތަށް ޝެޑިއުލްގައިވާ ކަންކަން ފުރިހަމަކުރީމަ ނިމުނީ“ އިވެންޓުގައި އިސްކޮށްއުޅުއްވާ ނަޢުފަލް ޢީސާ އެޓޯލްނިއުސްއަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން ވިދާޅުވިއެވެ.
ބީބީ ރަނަރސްއަކީ ޢުމުރުން ދުވަސްވީ މީހުންގެ ދުވުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި މީގެ އަހަރެއްހާދުވަސް ކުރިން އުފައްދާފައިވާ ގްރޫޕެކެވެ. އެހެންނަމަވެސް، އެ ގްރޫޕުގައި ހުރިހާ ޢުމުރުފުރައެއްގެ މީހުންވެސް ބައިވެރިވެއެވެ. އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަހަރެއްހާދުވަސް ކުރިން ވުޖޫދަށް އައި ބީބީ ރަނަރސް ރާއްޖޭގައި ބޭއްވި ގިނަ ދުވުންތަކެއްގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ރާއްޖޭއިން ބޭރުގައި ބޭއްވި ބައެއް ދުވުންތަކުގައިވެސް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އެ ގްރޫޕުން އަންނަނީ އެކިގޮތްގޮތުން އެ ގްރޫޕަށް އެހީތެރިވެދީ، އަދި ދުވުމުގައި ހަރަކާތްތެރިވެފައިވާ އަދި ވަމުން އަންނަ ގިނަ ބައެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާވެސް ދީފައެވެ.



