
ކޮޅުމަޑުލު ވޮލީ މުބާރާތް
ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން ކޮޅުމަޑުލުގެ ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ ކޮޅުމަޑުލު ވޮލީ މުބާރާތް 2018 ގެ މިއަދު ހެނދުނު ކުޅުނު މެޗްގައި ބައްދަލުކުރީ ފިރިހެން ޑިވިޜަންގެ 2 ޓީމް ކަމުގައިވާ ބުރުނި އަދި ވިލުފުށީ ޓީމެވެ. މި މެޗް 2 – 3 ސެޓުން ކާމިޔާބުކުރީ ބުރުނީ ޓީމެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމްގެ ޖާރޒީ ނަމްބަރ 12 ޢަލީ ހުޒާމެވެ.
މި މެޗުން 2 ސެޓް ލިބުމާގުޅިގެން ވިލުފުށި ވަނީ މުބާރާތުގެ ސެމީފައިނަލަށް ހޮވިފައެވެ.
މުބާރާތުގައި މިއަދު ހަވީރު އޮންނަ މެޗްގައި ބައްދަލުކާނީ ފިރިހެން ޑިވިޜަންގެ 2 ޓީމް ކަމުގައިވާ ގުރައިދޫ އަދި ހިރިލަންދޫ ޓީމެވެ.
13 ދުވަހުގެ މުއްދަތަށް ބާއްވާ މިމުބާރާތުގައި ރާއްޖޭގެ ޤައުމީޓީމްގެ މަޝްހޫރު ކުޅުންތެރިން ބައިވެރިވިއެވެ. އޭގެތެރޭގައި އަލީ ހުޒާމް، ޙަސަން ނިލާމް، އަޙުމަދު ޢަބްދުލްކަރީމް، އައިޝަތު މާޖިދާ، އާމިނަތު އަރީޝާ، ފާޠިމަތު މަޒިއްޔާ، މަރިޔަމް އަޒީފާ ފަދަ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ސަރަޙައްދުގެ ޤައުމީ ޓީމް ތަކުގެ ފާހަގަކޮއްލެވޭ ބައެއް ކުޅުންތެރިން ހިމެނެއެވެ.



