
މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 12 އާ ހަމައަށް
މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ބުނެފިއެވެ.
ޑީއެޗްއީ އިން ބުނީ ޔުނިވަރސިޓީން ހުރިހާ ޚަރަދުތަކެއް ހަމަޖައްސައިދޭ 22 ސްކޮލަރޝިޕަށް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
ޝަރުތުގެ ތެރޭގައި ސެޕްޓެމްބަރު 15، 2018 އަށް 25 އަހަރު ފުރިފައި ނުވުމާއި ޝަހާދާ ސާނަވިއްޔާ އިން ފާސްވެފައިވުން ހިމެނޭ އިރު، އޭގެ ތެރެއިންވެސް އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރެއް ނަމަ، އެއިން 65 ޕަސެންޓަށް ވުރެ މަތިން ފާސްވެފައިވުން ހިމެނެއެވެ.
އެ ސްކޮލަރޝިޕް ޝަރުއީ ދާއިރާ އިން 10 ފުރުޞަތާއި އެހެނިހެން ދާއިރާތަކުން 12 ފުުރުސަތަކަށް ޚާއްސަކޮށްފައިވާ އިރު، އޭގެ ތެރޭގައި ޑޮކްޓަރުކަން ކިޔެވުމާއި އިންޖީނިއަރިން ފަދަ ދާއިރާތައްވެސް ހިމެނެއެވެ.
ގައުމީ ގަދަ ދިހެއް ހޮވުމަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު، ޝަހާދާ ސާނަވިއްޔާގެ ދަރިވަރުންނަށް ވެސް ގައުމީ ގަދަ ދިހަކުން ޖާގަ ލިބޭނެ އެވެ. އެ ދަރިވަރުންނަށް ވެސް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ކަމަށް ޑީއެޗްއީ އިން ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުމަށް އަޒްހަރް ޔުނިވާސިޓީން އަންނަނީ ބޮޑު އެހީތެރިކަމެއް ދެމުންނެވެ. ކުރީގެ މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ އުފެއްދި ފަހުން، އެ މައުހަދުގައި ކިޔަވައިދިނުމަށާއި އަރަބިއްޔާ ސްކޫލްގައި ކިޔަވައިދިނުމަށް އެ ޔުނިވާސިޓީން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޓީޗަރުން ފޮނުވަ އެވެ. މިހާރު ވެސް އަޒްހަރުން ފޮނުވާފައިވާ 15 ޓީޗަރުން އަރަބިއްޔާ ސްކޫލުގައި ކިޔަވައިދެމުން އެބަ ދެ އެވެ.



