
ވޭތުވެ ދިޔަ 5 އަހަރު ކުރި މަސައްކަތުން އިންޓަރ ސްކޫލް މުބާރާތްތަކުގައި އަތޮޅުތަކުގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ ޢަދަދު ދަނީ އިތުރުވަމުން
ވޭތުވެ ދިޔަ 5 އަހަރު ކުރި މަސައްކަތުން އިންޓަރ ސްކޫލް މުބާރާތްތަކުގައި އަތޮޅުތަކުގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ ޢަދަދު ދަނީ އިތުރުވަމުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ކުރީގައި ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ގިނަ ކުޅިވަރު މުބާރާތްތަކަކީ މާލޭގެ ސްކޫލްތަކަށް ޢަމާޒުކުރެވިގެން ބޭއްވޭ މުބާރާތްތަކެއްކަމަށް ވަނީ ޤަބޫލުކުރެވިފައި ކަމަށެވެ. އަދި އެފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބެނީ މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެކަނި ކަމަށެވެ.
އެހެންނަމަވެސް މިފަދަ މުބާރާތްތަކުން މި ދަރިވަރުން ހޯދާ ކާމިޔާބީތައް މިވަނީ ބޮޑުތަން އިތުރުވެފައި ކަމަށާއި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ތަޢުލީމެކޭ އެއްގޮތަށް ކުޅިވަރުތަކުންވެސް ހުރިހާ ދަރިވަރުންނަށް މިވަނީ ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދެވިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލް ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ދެވުނު އިސްކަމުގެ ނަތީޖާއެއްގެގޮތުން މިއަދު މި ފެނިގެންދަނީ ސްކޫލް ޢުމުރުފުރާގެ ދަރިވަރުން ޤައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައިވެސް ބައިވެރިވާ ޢަދަދު އިތުރުވެގެންދާތަން ކަމަށާއި ޤައުމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާ ޢަދަދު އިތުރުވުމާއެކު އެދަރިވަރުންގެ ކާމިޔާބީވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާކަަމަށް ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.
މިފަދަ މުބާރާތްތަކުން ދަރިވަރުންގެ ކުޅިވަރު ހުނަރު ދެނެގަނެވި، އެފަދަ ދަރިވަރުންނަށް ޤައުމީ ޓީމުތަކުން ޖާގަ ލިބެމުންދާ މިންވަރުވެސް އިތުރުވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން 2013 ވަނަ އަހަރާ އަޅާބަލާއިރު ސްކޫލް ޢުމުރުފުރާގެ ދަރިވަރުންނަށް ޤައުމީ ޓީމުތަކުން ޖާގަލިބޭ މިންވަރު 3 ގުނައަށް އިތުރުވެފައިވާކަން އުފަލާއެކު ފާހަގަ ކުރައްވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.



