
ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަން ބޮޑު: ދިފާޢީ ވަޒީރު
ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަން ބޮޑުކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު ވަނީ ސިފައިންގެ ބަދަހި ލަޝްކަރުން ޤައުމަށް ފޯރުކޮށްދެމުންދާ އިޚްލާސްތެރި ޚިދުމަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނެވެ.
އަންނަ މަހު ފަސްވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ.
އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.
މި މުބާރާތަކީ ސިފައިންގޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމުތަކުންނާއި އެހެނިހެން ސިފައިން ވަނީ ބައިވެރިވެފައެވެ.



