ސޫރަތުލް ޢާދިޔާތު

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

(وَالْعَادِيَاتِ ضَبْحًا ﴿١﴾) މިއީ ހުވައެކެވެ. (الْعَادِيَاتِ ) މިއީ ޞިފައެކެވެ. މައުޞޫފް (ޞިފަކުރެވޭ އެތި) ވަނީ މަޙްޛޫފްވެފައެވެ. އެއީ ކޮން އެއްޗެއްތޯ ބަޔާން ކުރެއްވުމުގައި ޢިލްމުވެރިންގެ މެދުގައި ދެގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ.

ފުރަތަމަ ގައުލު: މިތަނުގައި މައުޞޫފަކީ (الإبل ) ނުވަތަ ޖަމަލެވެ. މުރާދަކީ ޙައްޖު މޫސުމުގައި ޢަރަފާތުން މުޒްދަލިފާ އަށް، އަދި މުޒްދަލިފާ އިން މިނާ އަށް ދަތުރުކުރާ ޖަމަލެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެވަނަ ގައުލު: މިތަނުގައި މައުޞޫފަކީ ( الخيل  ) ނުވަތަ ”އަސް“ އެވެ. އިސްލާމްދީނުގައި ޖިހާދު ފަރްޟު ކުރެއްވުމުގެ ކުރިންވެސް ހަމަލާދޭ އަހަކީ ޢަރަބިންގެ ތެރޭގައި މަޝްޙޫރު އެއްޗެކެވެ. އިސްލާމްދީން އައުމުގެ ކުރިން މި އަސް ޙައްގަކާއިލައިގެން ވިޔަސް ނުލާ ވިޔަސްވެސް މީސްތަކުންނަށް ޙަމަލާދީ ހަދަ އެވެ. ނަމަވެސް، އިސްލާމްދީން އައުމަށްފަހުގައި ޙައްގަކާއި ނުލާ އެއްވެސް މީހަކަށް ޙަމަލާ އެއް ނުދެއެވެ.

(الْعَادِيَاتِ  )  އަކީ (العدو) ގެ އިސްމުފާޢިލް އެވެ.

(ضَبْحًا  ) ބާރަށް ދުވާ އަހުގެ އަޑެވެ.  މިތަނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހުވާވަޙީ ކުރައްވަނީ ބާރަށް ދުވާ އަސް ގަންދެއްވައެވެ.

(فَالْمُورِيَاتِ قَدْحًا ﴿٢﴾  ) ”އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.“

(فَالْمُغِيرَاتِ صُبْحًا ﴿٣﴾  ) “ އަދި ފަތިހުގެ ވަގުތުގައި، حملة ދޭ އަސްތައް ގަންދެއްވަމެވެ.“  ހެނދުނު ޙަމަލާ ދިނުމުގެ ބޭނުމަކީ އެބައިމީހުން އެވަގުތުގައި ތިބޭނީ ނިދީގައި ޣާފިލުވެ ކަމަށްވާތީވެއެވެ. ޙަމަލާގެ އަޑަށް ހޭލެވުނު ނަމަވެސް އެވަގުތު ތިބޭނީ ކަންނެތްވެފައި ކަމަށްވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނގުރާމަ އަކަށް ވަޑައިގެންނަމަވެސް ރޭގަނޑު ގަޑީގައި ޙަމަލާދޭން ނުފައްޓަވައެވެ. ހެނދުނުވަންދެން މަޑު ކުރައްވައެވެ. ހެނދުނުވެ، ބަންގީގެ އަޑުއިވެއްޖެނަމަ މަޑު ކުރައްވައެވެ. ނޫންނަމަ ޙަމަލާ ދެއްވައެވެ.

(فَأَثَرْنَ بِهِ نَقْعًا ﴿٤﴾  ) ”ފަހެ، އެ އަސްތައް، އެ ވަގުތު (ބާރަށް ދުވެފައި ދިޔުމުގެ ސަބަބުން) ހިރަފުސް ބުރުވައިލަތެވެ.“

(فَوَسَطْنَ بِهِ جَمْعًا ﴿٥﴾  ) “ ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި) ދުޝްމަން ންގެ (ބައިގަނޑުގެ މެދަށް ވަދެގަނެތެވެ.“

(إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ﴿٦﴾  )

(الْإِنسَانَ  ) މިއީ ހުރިހާ އިންސާނުންގެ ވާހަކަ އެވެ. ހިދާޔަތުގެ މަގަށް ތަބަޢަވުމުގެ ނަޞީބު ލިބިފައި ނުވާ ކޮންމެ މީހެކެވެ.

(لَكَنُودٌ ) ﷲ ދެއްވި ނިޢްމަތަކަށް ގިނަގިނައިން ކާފިރުވުން. މާތް ﷲ އެމީހަކަށް ތަނަވަސްކަން އިތުރުކޮށްދެއްވި މިންވަރަކުން އެނިޢްމަތްތަކަށް ކުފުރުވެރިވާލެއް ބޮޑެވެ. ޝުކުރުވެރި އެއް ނުވެއެވެ. އަދި ﷲ އެންގެވި ގޮތުގައި އެމުދަލުން ހޭދަކޮށް ނުހަދައެވެ.

(وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴿٧﴾  )

(إِنَّهُ ) މިތަނުގައި ޟަމީރު ދަނީ ﷲ އަށެވެ. މާނައަކީ: އިންސާނާ އަށް ދެއްވާފައިވާ ނިޢްމަތްތަކަށް ކުފުރުވެރިވާ ކަމާއި މެދުގައި ﷲ ހެކިވެވޮޑިވެގެން ވެއެވެ.

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި (إِنَّهُ  )ގެ ޟަމީރު ދަނީ އިންސާނާ އަށެވެ. މާނައަކީ ”އިންސާނާ އަކީ އޭނާ އަށް ދެއްވާފައިވާ ނިޢްމަތްތަކަށް ކުފުރުވެރިވާ ފަރާތެއް ކަމަށް އަމިއްލަ ނަފްސަށް ވެސް ހެކިވެއެވެ.

ރާޖިޙް ގޮތަކީ: މިދެގޮތަށްވެސް މިއާޔަތުގެ މާނަ ކުރެވެއެވެ. އާދަމްގެ ދަރިންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި އެކަންތައްތަކަށް ﷲ ހެކިވެ ވޮޑިގެންވެއެވެ. އަދި އާދަމްގެ ދަރިން ކުރާ ޢަމަލުތަކާއި މެދު ﷲ ހެކިވެ ވޮޑިގަންނަވައެވެ. އިންސާނާވެސް އޭނާގެ ޢަމަލުތަކާއި މެދުގައި ހެކިވެއެވެ.

މިދުނިޔެމަތީގައި ބައެއް ފަހަރު އެކަމަށް އެއްބަސްވެއެވެ. އަނެއްބައި ފަހަރަށް އެއްބަސްނުވެއެވެ. ނަމަވެސް ގިޔާމަތް ދުވަހުގައި އިންސާނާގެ ގުނަވަންތައް އޭނަ އާއި ދެކޮޅަށް ހެކިބަސްދޭނެއެވެ. ސޫރަތުއް ނޫރުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ ﴿٢٤﴾  )

މާނައަކީ: “ އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ.“

(وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴿٨﴾  )

(إِنَّهُ ) އިންސާނާ،

(الْخَيْر ) މިތަނުގައި ”ޚައިރު“ގެ މުރާދަކީ މުދަލެވެ. ސޫރަތުލް ބަގަރާގެ 180 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ ﴿١٨٠﴾   ) މާނައަކީ: ”ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް حاضر ވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް وصية ކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. (އެކަންއޮތީ) تقوى ވެރިންގެ މައްޗަށްއޮތް حق އެއް ކަމުގައެވެ.“

އިންސާނުން މުދާދެކެ ލޯބިވުމަކީ ފާޅުވެ އެނގޭ ކަމެކެވެ. ސޫރަތުލްފަޖްރިގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾ ) މާނައަކީ: ”އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.“

(أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ﴿٩﴾  )

(أَفَلَا يَعْلَمُ  ) އިންސާނާ އަށް ނޭނގެނީ ހެއްޔެވެ؟

(إِذَا بُعْثِرَ مَا فِي الْقُبُورِ ) މީސްތަކުން ގަބުރުން ތެދުވެ، ﷲ ގެ ޙަޟްރަތަށް ދާންޖެހޭނެކަން ޖެހޭނެކަން ނޭނގެނީ ހެއްޔެވެ؟ ﷲ ގެ އަމުރުފުޅަށް ތާޅަފިލި ފުމެލެވުމާއި އެކު މަރުވެފައިތިބި މީހުން ދިރިގެން ތެދުވާނެއެވެ. ސޫރަތު ޔާސީންގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣﴾  ) މާނައަކީ: ”ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ.“

(وَحُصِّلَ مَا فِي الصُّدُورِ ﴿١٠﴾ ) ހިތްތަކުގައި ފޮރުވާފައި ހުންނަ އެއްޗެތި ފާޅުވެގެންދާނެއެވެ. ސޫރަތުއް ޠާރިގްގެ 9 އަދި 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَوْمَ تُبْلَى السَّرَائِرُ ﴿٩﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ﴿١٠﴾  ) މާނައަކީ: ”ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ. ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ.“

ދުނިޔެމަތީގައި އިންސާނުންނާއި މެދުގައި މުޢާމަލާތް ކުރެވެނީ ބޭރުފުށަށް ފެންނަން ހުންނަ ކަންތައްތަކަށެވެ. ހިތުގައި ފޮރުވާފައިވާ ކަންތައްތަކަށް ބެލުމެއް ނޯވެއެވެ. ނަމަވެސް، އާޚިރަތް ދުވަހުގައި ބެލެވޭނީ އިންސާނާގެ ހިތަށެވެ. އެހެންކަމުން، ހިތް ސާފުކޮށް ރަގަޅު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

މިދެ އާޔަތުގައިވާ މުނާސަބަތަކީ ނުވަތަ ގުޅުމަކީ ފުރަތަމަ އާޔަތުގައި އެވަނީ މީސްތަކުން އެބައިމީހުންގެ ކައްވަޅުތަކުން ނެރެވޭނެ ވާހަކަ އެވެ. އަދި ފަހު އާޔަތުގައި އެވަނީ މީސްތަކުންގެ ހިތްތަކުގައި ފޮރުވާފައިވާކަންތައް ނެރުއްވާނެވާހަކަ އެވެ.

(إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴿١١﴾  ) ”ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.“

މި ސޫރަތުގެ ޖުމްލަ މާނަ:

މިސޫރަތް ފައްޓަވާފައިވަނީ ބާރަށްދުވާ އަސްތައް ގަންދެއްވައެވެ. ބާރަށް ދުވުމުގެ ސަބަބުން އޭގެ ހަތަރެސްފައިން އަލިފާންކަނޑައެވެ. އަދި ހެނދުނު ގަޑީގައި ޢަދާވާތްތެރިންގެ ތެރެއަށް ވަދެގަންނަ އަސްތަކެވެ. މިކަންކަން ގަންދެއްވާ ﷲ ހުވާވަޙީ ކުރައްވަނީ އިންސާނާ އޭނާގެ ރައްބު ދެއްވާފައިވާ ނިޢްމަތްތަކަށް ގިނަގިނައިން ކާފިރުވާ ކަމަށެވެ.

އަދި އިންސާނާ މުދާދެކެ ނުހަނު ލޯބިވާ ކަމަށެވެ. އެހެންކަމުން، އިންސާނާ އަށް ހަނދާންކޮށްދެއްވަނީ ގިޔާމަތް ދުވަސް އަންނާނެ ކަމެވެ. އަދި އެދުވަހުން އެންމެހައި މީސްތަކުން ގަބުރުތަކުން ނެރުއްވާނެކަމެވެ. އަދި ހިތްތަކުގައި ފޮރުވާފައިވާ ކަންތައްތައް އެދުވަހުން ފާޅުކުރައްވާނެ ކަމެވެ. އެފަދައިން ހަނދާންކޮށްދެއްވުމުގެ ބޭނުމަކީ ނުބައި ޢަމަލުތައް ކުރުމުން ދުރުހެލިވެ ރައްކާތެރިވުމަށް އެންގެވުމެވެ.

އަދި ﷲ އިންސާނާ އަށް މިންވަރުކޮށްދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވެ، ކިޔަމަންތެރި ވުމަށް އިރްޝާދު ދެއްވުމެވެ. އަދި އިންސާނުންކުރާ އެންމެހައި ކަންތައްތައް ﷲ މޮޅަށް ދެނެވޮޑިގެންވާކަން އެންގެވުމެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.