
ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން ދީންތައް ފެތުރުމަށް މަސައްކަތްކުރޭ: ޑިފެންސް މިނިސްޓަރ
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދުނިޔޭގެ އެކި ފަރާތްތަކުން ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށް ނުފޫޒު ފޯރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމުން ރާއްޖެއަށް ވަރަށް ރީތި ނަމަކާއި ޝުހުރަތެއް ލިބިފައިވާކަން، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ރާއްޖެއަށް ލިބިފައިވާ މިރަޙްމަތާމެދު ޙަސަަދަވެރިވާ ބަޔަކުވާކަމަށާއި، އެފަދަ މީހުން ރާއްޖޭގައި ލާދީނީ ފިކުރު ފެތުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ޝަރީފް ވިދާޅުވިއެވެ.
މިގޮތުން، މިފަދަ ކަންކަން ރިޔާސީ އިންތިޚާބުގައި ފެނުން އިތުރުވާކަން ފާހަގަކުރެެވިފައިވާކަމަށާއި، މިހެންވުމަށް މެދުވެރިވަނީ އެދަނޑިވަޅުގައި ކަންކަން ކުރުމަށް ފަޞޭޙަވެގެން ދާތީކަމަށް މިނިސްޓަރ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެންކަމުން، ރާއްޖޭގެ މިނިވަންކަމާއި އިޞްޠިޤްލާލު ދެމެހެއްޓުމަށް އެހެން ދީންތަކަށް ފުރުޞަތު ނުދިނުމަށް ޖިހާދު ކުރަން ޖެހިފައިވާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވޭއެވެ.
ރާއްޖޭގެ އާބާދީއަކީ ހަމައެކަނި މުސްލިމުން ހިމެނޭ އާބާދީއަކަށްވާއިރު، އިސްލާމީ އުސޫލުތަކާ ޚިލާފުކަންކަން ރާއްޖެއަށް ތަޢާރަފްވާކަށް ނުޖެހޭކަމަށް ވިދާޅުވެ މިނިސްޓަރ ޝަރީފް ވަނީ ވާހަކަދައްކަވާފައެވެ. ހަމައެހެންމެ، އިސްލާމްދީނަށް ފުށުއަރާ ޑިމޮކްރަސީއަކީ ރާއްޖެއިން ޤަބޫލުކުރާނެ ޑިމޮކްރަސީއެއް ނޫން ކަމަށާއި މިގޮތުން ، ބުދުކޯލުތައް ހެދުމާއި، އެއްޖިއްސުން ގުޅުން ހިންގުން ފަދަ ކަންކަން ރާއްޖޭގައި ހުއްދަ ނުކުރެވޭނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރ މިފަދައިން ވާހަކަދައްކަވާފައިވާއިރު، ދިވެހި ޒުވާނުންނަށް ލާދީނީފިކުރު ފޯރުކޮށްދިނުމަށް ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް މަސައްކަތްކުރަމުން ދަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށްކަން ފާހަގަކޮށްލަންޖެހޭއެވެ.



